ސިވިލް ސާވިސްއަށް ހިދުމަތްކުރި މުއްދަތު ގުނާއިރު، ދައުލަތުގެ އެހެން އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި ޚިދުމަތްކުރި މުއްދަތު ވެސް ގުނާ ގޮތަށް ގެނައި ބަދަލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބާތިލުކޮށްފި އެވެ.

ސިވިލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވަޒީފާއިން ރިޓަޔާކުރާއިރު ޚިދުމަތުގެ މުއްދަތު ގުނާއިރު ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުގައި ޚިދުމަތްކުރި މުއްދަތު ގުނަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ފަދަ ވަޒީފާގެ ރިކޯޑު އޮތް މުވައްޒަފުން ތަޖުރިބާގެ ބަޔަށް އަޕްޑޭޓްކުރަން ސިވިލް ސާވިސް ކޮމިޝަނުން އެދުނެވެ. އެހެން ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ، އެ ސާކިއުލާ ބާތިލުކޮށްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުން ބުނެފައި ވަނީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރުމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން ތިން ބޭފުޅުން އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރައްވާފަ އެވެ.

ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން މި މަހުގެ ތިންވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އެެހެންވެ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 17 ވަނަ ދުވަހެވެ.

އެ ކޮމިޝަނަށް އައްޔަންކުރެއްވީ، ނާސިހުގެ އިތުރުން، ޑރ. ހުސައިން ފާއިޒާއި ޑރ. ދީބާ މޫސާ އެވެ.