އިޒްރޭލުން މުޅި ޣައްޒާ ހިފުމާއި، ނުހިފުން ނިންމާނީ އިޒްރޭލުން ކަމަށާއި އެގައުމުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަމަށް ތާއީދު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ގާޒާ މުޅިން ހިފުމަށް ނިންމަވާފައިވާ ކަމަށް ބުނެވޭ ރިޕޯޓުތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިސްކަމެއް ދެނީ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިތުރު އެއްވެސް ކަމަކާ ނުވިސްނާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އެހެން ކަންކަމާ ދޭތެރޭ އެއްޗެއް ބުނާކަށް ނެތިން. އެއީ ގިނަފަހަރަށް އިޒްރޭލުން ނިންމާނެ ކަމެއް. ޣައްޒާ ހިފުމާއި ނުހިފުން އެއީ އިސްރޭލުގެ އަތްމަތީގައި އޮތް ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، އެމެރިކާއިން އެ ގައުމަށް ދޭ އަސްކަރީ އެހީ ވަނީ އިތުރުކޮށްފައެވެ. އެމެރިކާއިން އަހަރަކު ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އިޒްރޭލަށް ދެއެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ 86 އިންސައްތަ ސަރަހައްދު އަސްކަރީ ސަރަހައްދުތަކަކަށް ބަދަލުކޮށް، ފަލަސްތީނުގެ ރައްޔިތުން ކުޑަ ސަރަހައްދުތަކަކަށް ޖަމާކޮށްފަ އެވެ. މި ސަރަޙައްދުތަކުގައިވެސް އަސްކަރީ ހަރަކާތްތައް އިތުރުކުރުމުން، ކޮންމެ ދުވަހަކު ވައިގެމަގުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަށް އިތުރު ނުރައްކާތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

ޣައްޒާ މުޅިން އެއްކޮށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފި ނަމަ އެކަމުން "ނުރައްކާތެރި ނަތީޖާތަކެއް" ނުކުމެދާނެ ކަމަށް އދ.ގެ އިސް އޮފިޝަލެއް ކަމުގައިވާ މިރޮސްލަވް ޖެންކާ އަންގާރަ ދުވަހު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ވިދާޅުވި އެވެ.

މެދު ކެނޑުމެއް ނެތި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.