ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރަން އުފައްދާފައިވާ އެމްއެމް ޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސާގެ ގޮތުގައި ކޮންމެ މަހަކު އެތައް ހާސް ރުފިޔާ ދޭކަން އެނގިއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން އެމްއެމް ޓީވީއަށް ސްޕޮންސާގެ ގޮތުގައި ފައިސާދޭއިރު، ރާއްޖޭގެ ބައެއް މެއިން ސްޓްރީމް މީޑިއާތަކަށް ސަރުކާރުގެ ކުންފުނިތަކުން ދޭ ފައިސާ ވަނީ ކަނޑާލާފަ އެވެ.
"ހުރިހާ"އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެމް ޓީވީއަށް ބޮޑެތި އަދަދުން ފައިސާ ދޭ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ އާއި އެޗްޑީސީ ހިމެނެ އެވެ.
ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅު ހެދި މީޑިއާތަކަށް ދޭ ސްޕޮންސާތައް ވެސް މިހާރު ވަނީ ކަނޑާލާފަ އެވެ. އެ ސްޕޮންސާތައް ކަނޑާލީ ރައީސް އޮފީހުން އަންގައިގެންނެވެ.
ނަމަވެސް ރައީސް މުއިއްޒު ޕްރޮމޯޓްކުރަން ސަރުކާރުގެ އެކްޓިވިސްޓުންނާއި ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުން ހަދައިގެން އުޅޭ ނޫސްތަކަށް ސަރުކާރު ކުންފުނިތަކުން ސްޕޮންސާގެ ގޮތުގައި ފައިސާ ދެ އެވެ. އެ ނޫސްތަކަށް ފައިސާ ދެނީ ރައީސް އޮފީހުން އަންގައިގެންނެވެ.
އެމްއެމް ޓީވީ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލްގެ ލަފަޔަށް އުފެއްދި ޓީވީ ޗެނަލެކެވެ.
އެމްއެމްޓީވީ ހިންގަނީ މޯލްޑިވްސް މީޑިއާ ހައުސް ނަކަމަށް ކިޔާ ކުންފުންޏެއްގެ ދަށުންނެވެ. އެ ކުންފުނި ރަޖިސްޓްރީކުރިއިރު ހިއްސާދާރުންގެ ގޮތުގައި އަދި ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ތިން މީހެކެވެ. އެއީ ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރު އާއި ރައީސް އޮފީހުގެ މިނިސްޓަރު ޚަލީލުގެ ދޮންދަރި، ގ. ދަނބުކޮކާ، އަހުމަދު ސައިފް ހަލީމް އާއި އައިޝަތު ޝީރީނާ ކިޔާ މީހެކެވެ. މީޑިއާ ހައުސް، ރަޖިސްޓްރީކޮށްފައި ވަނީ ހަލީލު ދިރިއުޅުއްވާ، ގ. ދަނބުކޮކާގަ އެވެ.
ކުންފުނި ރަޖިސްޓްރީ ކުރިއިރު ސައިފް އާއި ޝީރީނާ ހިއްސާދާރުންގެ ގޮތުގައި ތިއްބަސް، އެމްއެމް ޓީވީން ބްރޯޑްކާސްޓްކުރަން ފެށީ އެ ދެ މީހުންގެ ނަން ކުންފުނިން އުނިކޮށް، ހަމައެކަނި އަބްދުﷲ ޒާހިރު އަށް މުޅި ކުންފުނި ބަދަލުކޮށްފަ އެވެ.
މި ޓީވީ ޗެނަލް ހެދުމަށް ބޭނުންވާ ސާމާނު ހޯދައިދިނީ ޕީއެސްއެމްގެ ނަމުގައި ދޫކުރި ލޯނެއްގެ ތެރެއިން އެސްޓީއޯއިން ކަމަށް ނަން ހާމަނުކުރަން އެދި އެސްޓީއޯގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވި އެވެ. އެ ތަކެތި ދުބާއީން ގަތުމަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ އެސްޓީއޯ އިން ހަރަދުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަކެތި ގަތީ ޕީއެސްއެމްއަށް ގެންނަ ތަކެތީގެ ގޮތުގައި. އެކަމަކު ގެނައި ތަކެތީގެ ދެބައިކުޅަ އެއްބައި ގެންދިޔައީ އެމްއެމް ޓީވީއަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.