މީޑިއާ ކޮންޓްރޯލް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށާއި ސުޕަ މެޖޯރިޓީ ރައްޔިތުން އެފަދަ ގާނޫނެއް ބޭނުންވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ، ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބިލުގެ ދިރާސާގެ ތެރެއިން ހިޔާލު ދިން ހުރިހާ މީޑިއާއަކުންނާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިސަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންނަމަވެސް އެ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ މެންބަރުން ބޭނުންވަނީ ބިލު ވުޖޫދުން ފުހެލަން ކަމަށެވެ. އެކަމަކު، ބިލުގައި މައްސަލައެއް ނެތް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ބިލު ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ސުޕަ މެޖޯރިޓީ ގަބޫލުކުރަނީ މި ފަދަ ބިލެއް ގާނޫނަކަށް ވެގެން އަންނަންޖެހޭ ކަމަށް ކަމަށާއި އެހެން ކަމުން ބިލު ފާސްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މުހައްމަދު އިސްމާއީލް ވިދާޅުވީ، ބިލާ އެކު ދޮގު ޚަބަރު ފަތުރަން ކުޑަކޮށް ވެސް ފުރުސަތެއް ނެތް ކަމަށާއި އެކަމަކު ތެދު މައުލޫމާތު ފަތުރަން ތަންމިނަށް ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، ބިލުގެ ދިފާއުގައި އޭނާ ވަނީ ވަރަށް ބޮޑަށް ވާހަކަދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ހިތުހުރި އެއްޗެއް ހިތުހުރި ގޮތަކަށް ނުކިޔޭނެ ކަމަށާއި އިސްލާމީ އުސޫލާއި އަހުލާގީ މިންގަނޑު ދަމަހައްޓައިގެން ކިޔާނެ އެއްޗެއް ކިޔަން ފުރުސަތު ހަނި ނުކުރާނެ ކަމަށެވެ.

ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ކުރަމުން އަންނައިރު ކޮމިޓީން އޮތީ މާދަމާގެ ނިޔަލަށް މަސައްކަތް ނިންމަން ތާވަލުކޮށްފައެވެ. ބިލުގައި ބައެއް ކަންބޮޑުވުންތައް ހުރި ނަމަވެސް ޖުމުލަ ގޮތެއްގައި ބިލަށް ތާއީދުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެގޮތުން، ބަންޑާރަނައިބުގެ އޮފީހުން ވަނީ ޖުމުލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފަ އެވެ.

ހުށަހަޅާ އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފަ އެވެ.

އެހެންނަމަވެސް ނޫސްވެރިންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާ ތަކުން ވެސް އަންނަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ.