މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކިރާ ބިލް ބޭރުކޮށްލަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަން ބަލައި ނުގަންނަން ޕެޓިޝަން ކޮމިޓީން ނިންމައިފި އެވެ.

މިއަދު ހެނދުނު 11:00 ގައި ބޭއްވި އެ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ އެ ޕެޓިޝަން ބޭރުކޮށްލަން ފާސްކޮށްފަ އެވެ.

ކޮމިޓީގެ މުގައްރިރު، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ މީޑިއާ ބިލް ބޭރުކޮށްލުމަކީ އެ ކޮމިޓީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރެވޭ ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އެ ބިލް މިއަދު ފާސްކުރީ ކުދުކުދި އިސްލާހުތަކާއެކު އެވެ. ކުރިން އެ ބިލް އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުގެ ކޮންޓްރޯލް ނެގޭ ގޮތަށެވެ. ނަމަވެސް މިހާރު އިސްލާހު ކުރީ މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެ ކޮމިޝަނުގެ ކޮންޓްރޯލް ނެގޭ ގޮތަށެވެ.

އެ ބިލް ހުށަހެޅިއިރު އޭގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ވެސް އެ ކޮމިޝަނުގައި ތިބޭގޮތަށެވެ. ނަމަވެސް ބިލް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން މަޖިލީހުން ފާސްކުރާ ބޭފުޅުން ވެސް އެ ކޮމިޝަނުގައި ތިއްބަވާ ގޮތަށެވެ.

އެ ބިލްގައިވާގޮތުން ސޯޝަލް މީޑިއާގައި އުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.