އަވަށްޓެރި ސްރީ ލަންކާގެ ތައުލީމީ އިދާރާތަކުގެ މިންގަނޑާ ހިލާފަށް މަތީ ތައުލީމު ދޭ ކޯސްތަކެއް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ، އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން އެކަމަށް ސަމާލުވުމަށް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްކިއުއޭން ކުރި އިއުލާނެއްގައި ބުނީ، ލަންކާގެ ބައެއް މަރުކަޒުތަކުން މި ކޯސްތައް ހިންގަނީ، އެ ގައުމުގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި، ހަޔާ ޑިޕްލޮމާއިން މަތީގެ މި ފަދަ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
އެކަމަކު މި ފަދަ ކޯސްތައް ހިންގުމަށް ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންވެ، އެ ކޯސްތަކުގެ ސެޓްފިކެޓް އެމްކިއުއޭއިން ގަބޫލު ނުކުރާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ. އޭގެ ބަދަލުގައި އެމްކިޔުއޭ އިން އެދުނީ، ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެ އޮތޯރިޓީން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަށެވެ.
އެމްކިއުއޭން ބުނި ގޮތުގައި ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެނީ، ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށް ކަމަށާއި ޑިގްރީއަށް ވުރެ މަތީ ޕްރޮގްރާމްތަކަށް ހުއްދަ ދެނީ، ލަންކާގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ކަމަށެވެ. އެހެންވެ، ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން އެކަންކަން ޔަގީން ކުރުމަށް އެމްކިއުއޭން އެދިފައިވެ އެވެ.