17 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އެދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާ ކަމަށްވާ ފިލްމްފެއާ އެވޯޑްސް ހުށައަޅާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިލްމްފެއާ އެވޯޑްސް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ ޝާހްރުކް ޚާންއާއެކު މިއަހަރުގެ ހަފްލާ ހުށައެޅުމުގައި މަނީޝް ޕައުލްއާއި ކަރަން ޖޯހަރު ވެސް ބައިވެރިވާނެ ކަމަށެވެ.

މިއީ 2008 ވަނަ އަހަރަށްފަހު ޝާހްރުކް ޚާން އެ މަގާމުން ފެންނަ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ އެ ހަފްލާ ހުށައަޅައިދީފަ އެވެ.

އެގޮތުން 2003 ވަނަ އަހަރާއި 2004 ވަނަ އަހަރު ސައިފް އަލީ ޚާންއާއެކު ޝާހު ފެނުނުއިރު 2007 ވަނަ އަހަރު އޭނާ ފެނުނީ ކަރަން ޖޯހަރުއާއެކު އެވެ.

ހަފްލާތައް ހުށައެޅުމުގައި ޝާހްރުކް ޚާން ގެންގުޅޭ މަޖާ ސްޓައިލްގެ ސަބަބުން އޭނާ ހުށައަޅައިދޭ ހަފްލާތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 70 ވަނަ ފިލްމްފެއާ އެވޯޑްސް އޮންނާނީ އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ސިޓީއެއް ކަމަށްވާ އަހުމަދުއާބާދުގަ އެވެ.