ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޯރުކޮށްދޭ މަގުތައް ހުޅުވާލުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވައި އެ ހަރަކާތުގައި ބައިވެރިވި 450 އަށް ވުރެ ގިނަ މީހުން އިޒްރޭލު ސިފައިންނާ ހަވާލުކޮށްފި އެވެ.

ދުނިޔޭގެ ގިނަ ބަޔަކު ސުމޫދު ފްލޮޓީލާގެ ހަރަކާތްތައް ބަލަމުން ދަނިކޮށް ރޭގެ ވަގުތެއްގައި އިޒްރޭލު ސިފައިންގެ ބޯޓުތަކުން ވަނީ ފްލޮޓީލާގައި ބައިވެރިވި 41 ބޯޓަކަށް އަރައި އެ އުޅަނދުތައް ކަނޑުމަގުން ޣައްޒާއާ ހަމައަށް ދިއުމަށް ހުރަސް އަޅާފަ އެވެ.

ފްލޮޓީލާ ހުއްޓުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ޔޫރަޕާއި އޮސްޓްރޭލިއާ އަދި އެމެރިކާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ދަނީ ކުރިއަށެވެ.

އިޒްރޭލު ބޮއިކޮޓްކުރުމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ބާސަލޯނާގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މީގެ އިތުރުން އިޓަލީގައިވެސް ގިނަ ބަޔަކު މަގުތަކަށް ނުކުމެ ދަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިޞާރުކޮށްގެން އުޅޭ އުޅުމަށް ނިމުން ގެނައުމަށް ގޮވައިލައި މިދިޔަ މަހު ފެށި ފްލޮޓީލާގެ މިދަތުރުގައި އެކި ގައުމުތަކުން ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި އެކި ދާއިރާތަކުގެ އެކްޓިވިސްޓުން ބައިވެރިވި އެވެ.