"ލޫޓުވައިފި،ލޫޓުވައިފި" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ މާލޭން ބޭރަށް ނުދިއު ހިމެނޭހެން އިތުރު ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލާ އެވެ. ކޯޓަށް ނުގެންގޮސް ވެސް އެކަކު ދޫކޮށްލި އެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި މީހުންގެ ތެރޭގައި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އައްޑޫ ސިޓީ ހިތަދޫ ކައުންސިލަރު ހުސައިން ޒަރީރާއި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިމެނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.

ފައްޔާޒު ވިދާޅުވީ ކިތަންމެ ބަޔަކު ބަންދުކޮށް ދައުވާކުރިއަސް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.

"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދީފައިވާ ރޫޓާ ހިލާފުވުމުން ކަމަށެވެ.