މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ހެކުކޮށް އެހެން ބައެއްގެ ވީޑިއޯތަކެއް އަޕްލޯޑުކުރުމުން ރިމޫވްކުރި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އަދިވެސް ރިކަވާއެއް ނުކުރެވެ އެވެ.

ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްލީ ނިމުނު މަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ދަތުރެއްގައި މ. އަތޮޅުގައި ހުންނަވަނިކޮށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ ޔޫޓިއުބް ޗެނަލް ރިކަވާ ކުރެވޭ ގޮތް އަދިވެސް ނުވާ ކަމަށެވެ. އެކަން ލަސްވަނީ ކީއްވެގެން ކަން ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފަ ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކުރި ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ޑިސްޕްލޭ ކުރީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވުމެވެ.

އިތުރަށް ބެލި ބެލުމުން، ޗެނަލް ހެކުކޮށް ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯތަކެއް އަޕްލޯޑުކުރިކަން އެނގުނެވެ.

ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ރަސްމީ ޗެނަލެއް ހެކުކޮށް، ވުޖޫދުން ވެސް ފޮހެލާފައިވާއިރު މިކަމާ ގުޅޭގޮތުން އެ އޮފީހުން އަދި ސަރުކާރުގެ ޑިޖިޓަލް ސެކިއުރިޓީ އާއި ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.