އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގިސާސް ހިފުމާ ގުޅޭގޮތުން ދެއްކެވީ ޖާހިލު ވާހަކަތަކެއް ކަމަށް ސިފަކުރައްވާ އެ ވާހަކަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަަކަދައްކަވަމުން ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބަޔަކު ކުރި މަޝްވަރާއެއް ކަމަށެވެ.
ވަހީދުގެ އެ ވާހަކަތަކުގައި ގިސާސް ހިފުމަށް މަސައްކަތް ކުރާ ބަޔަކީ "ސިކު" ބަޔަކު ގޮތެއްގައި ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ އެ ވާހަކަތައް ދައްކާ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
މީގެ ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، ވަހީދު ދެއްކެވީ ޖާހިލު ވާހަކަތެއްގެ އިތުރުން ޖިނާއީ ކުށެއް ކަމަށެވެ، އަދި އެމައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
"ގިސާސް ހިފުމާ ގުޅޭގޮތުން މެންބަރު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއް. މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ގައުމެއްގައިވެސް ދޭ އަދަބެއް. ވައްޑޭ ކުރީ ޖިނާއީ ކުށެއް، ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ. އޭނާގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން އުފެދުން ބޮޑު،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މެމްބަރު ވަހީދުގެ ވާހަކަތަށް އޭނާ ނިސްބަތްވާ އެމްޑީޕީއިން ވަނީ ދިފާއުކޮށްފަ އެވެ. އެމްޑީޕީގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނީ، ވަހީދު ދެއްކެވި ވާހަކަ އޮޅުވާލައިގެން ދީނީ އިލްމުވެރިންނާއި ބައެެއް ނޫސްތަކުން ގެނެސްދީފައިވާތީ އޭނާއަށް އިންޒާރު ލިބެމުންދާ ކަމަށެވެ. އަދި އެ ޕާޓީއިން ނުހަނު ކަންބޮނޑުވާ ކަމެއްކަމަށް ވަނީ ބުނެފަ އެވެ.