ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ އެ ޓްރައިބިއުނަލްގެ މަސައްކަތް ހިނގަމުންދާގޮތް ބެލުމަށް ކަމަށް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންގެވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އޭނާ އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ އެ ޓްރައިބިއުނަލްގެ ދައުރު ހަމަވާން ދެ މަހަށް ވެފައި ވަނިކޮށެވެ. ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި އެ ޓްރައިބިއުނަލަށް އައްޔަންކުރާ ބޭފުޅުންގެ ލިސްޓްގެ ކުރީގައި އޮތީ ވެސް މަހާޒެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި އިންޓަވިއުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، މަހާޒު ވިދާޅުވީ، ޓެކުހާ ގުޅޭ މައްސަލަތައް ނިންމުމަކީ އޭނާއަށް އެހާ އުނދަގޫކަމެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގައި ޓެކުހާ ގުޅޭ 34 މައްސަލައެއް އޮތްއިރު ގިނަ މައްސަލަތައް ނިންމީ އޭނާ ކަމަށެވެ.
"އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމި މީހަކީ އަޅުގަނޑު، ވަކިކުރުމާ ހަމައަށް ޓެކުހާ ގުޅޭ އެއްވެސް މައްސަލައެއް ނޯންނާނެ،" މަހާޒު ވިދާޅުވިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ދެން އޮތީ ވަރަށް ކުރު މުއްދަތެއްކަން ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ފާހަގަކުރުމާ ގުޅިގެން މަހާޒު ވިދާޅުވީ، މިއީ ކުރު މުއްދަތެއްގައިވިޔަސް ތަޖުރިބާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.