ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނި އަދި ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މަގާމަށް އައްޔަން ނުކުރަން މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނާ އާއި ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ޣައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.

ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ޣައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ.