މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެ މީހާއަށް ބިރުދައްކައި ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުހައްމަދު ޒަމީރު 29، އާއި ގދ. ނަޑެއްލާ، ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު، 27، ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިންމަންދެން ޝަހުމީން ރަޝީދު ބަންދުގައި ބެހެއްޓުމަށް އަދި މުހައްމަދު ޒަމީރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު 1، ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި އެ މީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރު ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.