މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއެކު ސްޓްރެޓެޖިކް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްއެމްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)ގެ ފާރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަ ޕްރޮފެސަރު ޑރ. އޮސްމާން ބަކަރު އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަ އާއިޝަތު ޝެހެނާޒް އާދަމެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި އެމްއޯޔޫގެ ދަށުން، މި ދެ މުއައްސަސާއާއި ވަކިވަކިން ސޮއިކުރެވުނީ ތަމްރީނު ޕްރޮގްރާމްތަކާއި އިންޓާންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
"މި މަސައްކަތްތަކުން މަރުކަޒީ ބޭންކުގެ މުވައްޒަފުންނާއި މާލީ ދާއިރާގެ ޕްރޮފެޝަނަލުންނަށް މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމާއި، މާލީ ނިޒާމުތައް ދިރާސާކުރުމާއި، ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ ހުނަރުތައް ތަރައްގީކުރުމަށް އިސްކަންދޭނެ،" އެ އޮތޯރިޓީން ބުންޏެވެ.
މި އެމްއޯޔޫގެ ދަށުން، އިސްލާމީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން އައިއައިޔޫއެމްގެ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާ ބޭނުންކޮށްގެން، ޝަރީއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި އާ އިސްލާމީ މާލީ އިންސްޓްރުމެންޓުތައް ތަރައްޤީކުރުމަށް އެމްއެމްއޭއަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި މި އެއްބަސްވުމުގައި މަނިޓަރީ ސިޔާސަތު، މާލީ ހަރުދަނާކަން، އަދި ފިންޓެކް ކުރިއެރުންތަކާ ގުޅޭ ގޮތުން އެމްއޯޔޫގެ ބައިވެރިން އެކުގައި ދިރާސާކުރުމަށް ވެސް އިސްކަންދެ އެވެ. އަދި އެކަޑަމިކް އަދި ރެގިއުލޭޓަރީ ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން، މި ޕާޓްނަޝިޕުން މަނިޓަރީ ގަވަނަންސް އަދި މާލީ ނިޒާމުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް މާލީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި މި އެމްއޯޔޫގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުއައްސަސާތަކުގެ ބިންގާ ވަރުގަދަވެ، މާލީ ދާއިރާގެ ތަޖުރިބާ އިތުރުވެ، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
މި އެމްއޯޔޫގެ ސަބަބުން ހާސިލުވާނެކަމަށް އުންމީދުކުރާ ކަންކަން
- އިސްލާމީ މާލީ ދާއިރާގައި ޚާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ އަދަދު އިތުރުވުން.
- ރާއްޖޭގެ މާލީ ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަވުން.
- އިސްލާމީ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އިތުރުވެ، ރާއްޖޭގެ މާލީ ބާޒާރު ފުޅާވުން.
- މަނިޓަރީ ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން އިތުރުވުން.
- ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި ހަރުދަނާކަން އިތުރުވުން.
- އިސްލާމީ މާލީ ދާއިރާއާ ގުޅޭ ދިރާސާތަކާއި އެކަޑަމިކް މަސައްކަތްތައް އިތުރުވުން.
- ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއެކު ރާއްޖޭގެ ގުޅުން ބަދަހިވުން.
- ރާއްޖޭގެ މާލީ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އިތުރުވުން.
- މާލީ ދާއިރާގެ އައު ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓް ވަސީލަތްތައް ތައާރަފުވުން.
- ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވުން.
އެމްއެމްއޭ އިން ބުނީ މި އެމްއޯޔޫގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ކުރިއެރުން ވަޒަންކުރުމަށް މުއްދަތުތަކެއް ކަނޑައެޅި، ގަވާއިދުން މުރާޖައާކުރެވޭނެ ކަމަށެވެ. އަދި މި އެއްބާރުލުމުގެ ނަތީޖާތައް އާންމުކޮށް ޚިއްސާކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
"މިއީ ރާއްޖޭގެ މާލީ ދާއިރާގެ މުސްތަޤުބަލަށް އައު އުންމީދުތަކެއް ގެނެސްދޭ، ވަރަށް މުހިންމު އެއްބަސްވުމެކެވެ. މި އެއްބާރުލުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ،" އެމްއެމްއޭ އިން ބުންޏެވެ.