މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރި އެވެ.
މިކަމާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފައިސާ ޗާޕު ނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީބިލް ގަންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެއީ އެމްއެމްއޭގެ ޖެނެރަލް ރިޒާވުގައި އެވަރުގެ ކެޕޭސިޓީއެއް ނުހުންނާނެތީ ކަމަށް އަމީރު ވިދާޅުވި އެވެ.
"މި މުއާމަލާތުގެ ސަބަބުން މިހާރު ވެސް ގޯސްވެފައިވާ އިންފްލޭޝަންގެ މައްސަލަ އިތުރަށް ގޯސްވާނެ. އަދި އެކްސްޗޭންޖު ރޭޓު އިތުރަށް ގޯސްވާނެ. ޕެންޝަން މެންބަރުންގެ ފައިސާގެ އަގު އިންފްލޭޝަންއާއެކު ދަށްވެގެން ދާނެ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަަލަކު ވިދާޅުވީ އެމްއެމްއޭ އާއި ޕެންޝަން އޮފީހުން ހިންގާ މުއާމަލާތަކީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް،" އޮޮފިޝަލް ވިދާޅުވި އެވެ.