ކެމްބޯޑިއާ އިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީީހުންގެ އަދަދު އިތުރުވުމާއެކު ކައިވެނި ހަފްލާތައް ބާއްވާ މާލަންތައް ކޮވިޑް ހޮސްޕިޓަލަށް ހެދުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފި އެވެ.
އެ ގައުމުގައި އާދީއްތަ ދުވަހު 618 ކޭސް ފެނިފައިވާއިރު، އެއާއެކު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6،000 އަށްވުރެ ގިނަ ވެފަ އެވެ.
ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ އެ ގައުމުގެ ޕްރިމިއާ ސެންޓަރު ސެންސޮކް ކޮވިޑަށް ފަރުވާދޭ ތަނެއްގެ ގޮތުގައި ހަދަން ނިންމާފަ އެވެ. އެ ސެންޓަރުގައި 1،500 އަށްވުރެ ގިނަ ބަލި އެނދު ބެހެއްޓޭނެ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ 1،800 އެނދު ބެހެއްޓޭ ވަރުގެ އިތުރު ކައިވެނި ހޯލެއް މިދިޔަ ހަފްތާގެ ތެރޭގައި ހަމަޖައްސަވާފަ އެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުން އިއުލާންކޮށްފައިވާއިރު މި ލޮކްޑައުންގެ ދަށުން ދެ ހަފްތާ ވަންދެން އޮފީހަށް ދިއުމާއި ގެއަށް ބޭނުންވާ ބާޒާރު ކުރުން ފަދަ ޒަރޫރީ ކަންކަމުގައި މެނުވީ ބޭރަށް ދިއުމަކީ މަނާ ކަމެކެވެ.