ސިނޮފާމް ވަކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ އެއްވެސް މީހަކު މިހާތަނަށް ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ އަބޫދާބީން ކޮވިޑް ބަލީގައި މަރުވެފައި ނުވާ ކަމަށް އެ ގައުމުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައިވާ ގޮތުން ސިނަފޯމް ވެކްސިނަކީ ކޮވިޑް ބަލީގައި އެނދުމަތި ކުރަން ޖެހޭ މީހުން 93 އިންސައްތަ އަދި އައިސީޔޫގައި ފަރުވާ ދޭންޖެހޭ މިންވަރު 95 އިންސައްތަ ދަށްކޮށްދޭ ވެކްސިނެކެވެ.

ޗައިނާގެ ސިނޮފާމް ކުންފުނިން އުފެއްދި މި ވެކްސިނަކީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު 85 އިންސައްތައަށް ކުޑަ ކޮށްދޭ ވެކްސިނެއް ކަމަށް އަބޫދާބީގެ ހެލްތު މިނިސްޓްރީން ޑިސެމްބަރު މަހު ބުނެފައިވާއިރު ވެކްސިން އުފައްދާ ކުންފުނިން މި ރޭޓު އަންދާޒާ ކޮށްފައިވަނީ 79 އިންސައްތައިގަ އެވެ.

މި ވެކްސިން މިހާރު ރާއްޖޭގައި ވެސް ވަނީ ދޭން ފަށައިފަ އެވެ. މިއީ ކޮވިޑާ ދެކޮޅަށް ބޭނުންކުރަން ޑަބްލިއުއެޗްއޯ އިން ކުއްލި ހާލަތުގައި ބޭނުންކުރަން ހުއްދަ ދިން މަދު ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ.

ޔުނައިޓަޑް އަރަބް އެމިރޭޓްސްގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ ސިނަފޯމް ވެކްސިނަށް ވީއިރު، އެ ގައުމުގެ ދެ ސަރަހައްދެއްގައި މިވެކްސިން ދަނީ އުފައްދަމުންނެވެ. -- އަލް އަރަބިއްޔާ