އަހަރަކުން އަހަރަކަށް ދައުލަތުގެ ދަރަނި ބޮޑުވާ މައިގަނޑު ސަބަބަކީ ހަރަދު ކުޑަކުރުން ލަސްކުރުން ކަމަށާއި އެކަން ލަސްކުރަމުން ގޮސް މިހާރު އިބިލީހުގެ ކައިވެންޏާ ހަމައަށް ގޮސްފައިވާ ކަމަށް އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަނުކުރާތީ ދަރަނި އިތުރުވަމުން އަންނަ ކަމަށާއި، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުންނަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގައި ވެސް ބަޖެޓުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރާނެ ގޮތުގެ ތަފްސީލު ހިމަނައި، ފިޔަވަޅުތައް އަޅާފައި ނެތް ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލު އެންމެ ކުޑަމިނުން ހިމަނާފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ދަރަނި ބޮޑުވާ ސަބަބުތަކާ ގުޅޭގޮތުން އަދި ދަރަނި ބޮޑުވުމަށް ހައްލެއް ފެންނަން އޮތްތޯ ސުވާލުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ހަރަދުކުޑަކުރަން ކޮންމެ އަހަރަކު ކީ ނަމަވެސް އެކަން ކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

"ހަރަދުކުޑަކުރުމުގެ ކަންކަން މިހާރު މިހުރީ އިބިލީހުގެ ކައިވެންޏާ ހިސާބަށް ވާގޮތަށް. ލަސްކުރަމުން ފަސްކުރަމުން ގޮސް މި އަހަރު ބަޖެޓު ފޮތުގަ ފިނޭންސް މިނިސްޓްރީން ނުވެސް ނެތް ޖައްސަވާފަ ވެސް. އެހެން އަހަރު އަހަރު ބަޖެޓު ފޮތުގަ ޖައްސަވާފަ އެކަން ނުކުރަނީ،" ނުރުހުން ފާޅުކުރައްވާ އޭނާ ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރުން ފަސްކުރަމުންދާ ނަމަ ކުރިއަށް އޮތް އަހަރުތަކުގައި އެކަން ސަސްޓެއިން ނުކުރެވޭ ހިސާބަށް ދެވޭނެ ކަމަށް ދެކިލައްވާ ކަމަށް ވެސް ނިޔާޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރެކޮމެންޑު ވެސް ކުރަން. ތިބޭފުޅުން ބަޖެޓު ފާސްކުރައްވާއިރު، އަދި ފިނޭންސް މިނިސްޓްރީން އެކަންކަން ހިމަނުއްވާފަ ނެތަސް، ހަރަދުތައް ކުޑަކުރެވޭނެ އުސޫލުތަކެއް މަޖިލީހަށް ހުށަހަޅުއްވައިގެން އެޔާ އެއްކޮންނޭ ބަޖެޓު ފާސްކުރެވޭނީ. އެހެން ނޫނީ މިކަން އަތް ނުފޯރާ ފަށަށް ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ.

މަޖިލީހަށް 2026 ގެ ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު 40 އަކަށް ބިލިއަން ރިކަރަންޓު ހަރަދަށް ބަޖެޓުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން ގަބޫލެއް ނުކުރެ އެވެ.

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޚަރަދުކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ކަނޑައެޅި އެވެ. އެހެން ނަމަވެސް އެ ސިޔާސަތުތައް ތަންފީޒެއް ނުވެ އެވެ.

މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ޕެންޝަނާއި ސަބްސިޑީ އިސްލާހު ކުރަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ނިންމުންތައް ފަހުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، އެ އިސްލާހުތައް ގެނައުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް ދީގެން ޚަރަދު ސަލާމަތް ކުރުމަށެވެ.

އެ ނިންމެވުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް މަޝްރޫއުތައް ނުލިބި، ގެއްލުންވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ކަން އެހެން އޮއްވައި މިފަހުން ވަނީ ބިޑަކަށް ނުލައި ޖުމްލަ 206 މަޝްރޫއެއް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދީފަ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސްހިސާބު މިފަހުން ވެސް މަސް ދުވަސް ވަންދެން ހާމަނުކޮށް ދިޔަ އެވެ. މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ޚަރަދުގެ ހިސާބުތައް ހާމަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.