ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ޖުމްލަ 27 މިލިއަން މިހާރު ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ނުވަ ޕާޓީގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ ފަސް ޕާޓީއެއްގައެވެ.

މެމްބަރުން ހަމަވި ފަސް ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ. މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން ހުރިހާ ޕާޓީއަކަށްވެސް ފައިސާ ޖަމާކޮށްދީފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޢުލޫމާތުދެއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ. ޝަރުތު ހަމަވި ސިޔާސީ ޕާޓީތަކަށް ޖުމުލަ 27 މިލިޔަން ދިވެހި ރުފިޔާ ޖަމާކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 13,316,689.57ރ

• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 8,454,780.51ރ

• ޖުމްހޫރީ ޕާޓީ (JP) - 2,656,598.57ރ

• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 1,769,648.69ރ

• ޢަދާލަތު ޕާޓީ (AP) - 1,713,538.65ރ

ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ.

މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ.

ފައިސާ ދޫކުރި ޕާޓީތަކުގައި މެންބަރުން ހިމެނޭ އަދަދު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 68665 މެންބަރުން

• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 43765 މެންބަރުން

• ޖުމްހޫރީ ޕާޓީ (JP) - 13456 މެންބަރުން

• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 9011 މެންބަރުން

• ޢަދާލަތު ޕާޓީ (AP) - 8844 މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ނުވަ ސިޔާސީ ޕާޓީއެއް އެބަ އޮތެވެ.