ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމައިދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވީ ވައުދު މިރޭ ފުއްދިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ އެއާޕޯޓްގެ މަސައްކަތް ދިޔަ ދުވެއްޔަށްވުރެ ހަލުވި ދުވެލީގައި މަސައްކަތް ކުރިއަށްގެންދިޔުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
"އަޅުގަނޑު ވަގުތުން ޖަވާބު ދިނިން... މި އެއާޕޯޓު އޭރު ދިޔަ ދުވެއްޔަށް ވުރެ ބާރުމިނުގައި ގެންގޮސްދީ ނިންމައިދޭނަމޭ. އެ ވައުދު އިރާދަކުރެއްވިއްޔާ މިރޭ މި ފުއްދިގެން ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިރޭ މި ހުޅުވިގެން ދިޔައީ ހަމައެކަނި އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާއެއް ނޫން ކަމަށާއި ހުޅުވިގެން ދިޔައީ މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ދޮރާށި ކަމަށެވެ.
އުތުރުގެ ތަރައްގީގެ އެންމެ މުހިންމު ވަސީލަތަކީ ހަނިމާދޫ އެއާޕޯޓް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު މި ހުޅުވޭ ދޮރާށިން މި އަތޮޅާއި މި ސަރަހައްދުގެ ޓޫރިޒަމް އާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޖުމްލަކޮށް އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމާއި ޖުމްލަކޮށް ތަރައްގީގެ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.
އެއާޕޯޓުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެކަމުން އިގްތިސާދީ ނަފާ ހޯދުމަށް މަސައްކަތް ފެށުމަށް ރައީސް ވަނީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިން ވެސް ހއ. އދ. އަދި ށ. އަތޮޅުގައި އިންވެސްޓް ކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވީ މަސައްކަތް އެއްކޮށް ނުނިމެނީސް އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް މިދިޔަ ސަރުކާރުން ވެސް ލަފާ ކުރީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.
މަސައްކަތް ނުނިމެނީސް އެއާޕޯޓް ހުޅުވީ މި އަހަރު ނިމުމުގެ ކުރިން އެއާޕޯޓް ހުޅުވާނެ ކަމަށް ރައީސް މުއިއްޒަށް ވިދާޅުވެވިފަވާތީ އެވެ.
އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ސަމާލުވޭ!
އަހަރެންގެ އަޑަށް ގިނަ ބަޔަކު މަލާމާތްކުރި: ދީޕިކާ
