މިހާރު ހިއްކަމުންދާ ރަސްމާލެއިން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއިން ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ހިއްކާ ބިމުން 15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކުގެ އިތުރުން މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަސްމާލެއިން ގޯތި ދޫކުރާނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގެ ދަށުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިންގުނަ އަވަހަށް ކުރިއަށް ގެންދިއުމަށް އަންގައި ފައިސާވެސް ދައްކާފައި ވާނެ ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރަސްމާލެއަކީ ފުށިދިއްގަރުފަޅުން 1009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމާފައިވާ ރަށެކެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. 2023 ގެ ޑިސެމްބަރު މަހު ހިއްކަން ފެށި ރަސްމާލޭގެ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 13 ޕަސެންޓެވެ.
ހުޅުމާލޭ ފޭސް-3 އާއި، ގުޅީފަޅާއި، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގައި ބޯހިޔަވެހިކަމުގެ މަޝްރުއު ހިންގުމުގެ މަސައްކަތް ފަށާފައި އޮތް ދަނޑިވަޅެއްގައި އެ މަޝްރޫއަށް ހުރަސް އެޅޭ ގޮތަށް ބޮޑު އަގުގައި ރަސްމާލެ ހިއްކުމުގެ ނަމުގައި މުޅިން އައު މަޝްރޫއެއް މި ސަރުކާރުން ކުރިއަށް ގެންދާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ފެނުގެ ނެޓްވޯކް ހަލާކުވެ ފުވައްމުލައް ފެނަށް ޖެހިއްޖެ
ޑެބިޓް ކާޑުން ބޭރުގައި ފައިސާ ދެއްކޭ ވަރު 1،000 ޑޮލަރަށް
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި