ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭ މައްސަލަ ބޮޑުކަމަށާއި އެކަން ހުއްޓުވައި ފިިޔަވަޅު އަޅަން ބޭނުންވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ސިވިލް ސާވަންޓުން ޑިއުޓީ ގަޑީގައި ކޮފީތަކަށް އަރާފައި ގިނަ ވަގުތު ހޭދަކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއްތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.
މިކަމުން ސިވިލް ސާވިސް ޚިދުމަތުގެ ފެންވަރަށް ކުރާނެ އަސަރާ ބެހޭގޮތުން ވެސް ސުވާލު ކުރައްވާފައިވެ އެވެ.
ނާޒިމްގެ ސުވާލަށް ޖަވާބުދެއްވަމުން މުޖުތާޒު ވިދާޅުވީ ސަރުކާރު ހިންގުމުގެ މައި ހުންގާނަކީ ސިވިލް ސާވަންޓުން ކަމަށެވެ. އެހެންކަމުން ސިވިލް ސާވަންޓުން ޑިއުޓީ ގަޑީގައި ގިނައިރު ކޮފީގައި ތިބުމަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް މިގޮތަށް އަމަލުކުރަނީ ހަމައެކަނި ސިވިލް ސާވަންޓުން އެކަނި ނޫންކަމަށް މުޖުތާޒުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެ އެވެ.
މުޖުތާޒު ވިދާޅުވިގޮތުގައި ސިވިލް ސާވަންޓުންނެކޭ އެއްގޮތަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ޑިއުޓީ ގަޑީގައި ކޮފީގައި އުޅޭ މަންޒަރު އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި މިފަދަ ކަންކަން ކުރިން ސިވިލް ސާވަންޓުން ކިބައިން ފާހަގަނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު މިހާރުގެ މުވައްޒަފުންގެ ކިބައިން ނޭދެވޭ ކޮފީގެ ސަގާފަތެއް ފެންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މުޖުތާޒު ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ރަނގަޅު މޮނީޓަރިން މެކޭނިޒަމެއް ގާއިމުވެފައި އޮތުން ކަމަށެވެ. އެކަމަށް ޓަކައި މިހާރު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާ ކަމަށް އޭނާ މައުލޫމާތުދެއްވި އެވެ.
"އެކަންތައްވެސް އަޅުގަނޑުމެންނަށް މޮނީޓާ ކުރެވޭނީ ރަނގަޅު މެކޭނިޒަމެއްގެ ތެރެއިން ހަމަ ގާއިމުކުރެވިގެންކަން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ. މަޖިލީހުގެ ނައިބު ރައީސް ތި ކުރެއްވި ސުވާލަކީ ރަނގަޅު ސުވާލެއް. އެކަން މޮނީޓާކޮށް ބަލައި، އެކަންތަކުގެ ތެރޭގައި ހެެދެން އޮތް ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން ބޭނުންވޭ،" މުޖުތާޒު ވިދާޅުވި އެވެ.
މި ކޮމިޓީގައި ވާހަކަދެއްކެވި ކޮމިޝަންގެ މެންބަރު ޑރ. ދީބާ މޫސާ ވަނީ މިއީ މުވައްޒަފުންނަށް އެތިކްސް ޓްރެއިނިން ލިބެންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ސިވިލް ސާވަންޓުންގެ ބަޖެޓަށް ކޮންމެ އަހަރެއްގައި ވެސް ކަނޑައަޅާފައި ވަނީ ތިން ލައްކަ ރުފިޔާ ކަމަށް ދީބާ ވިދާޅުވެފައިވެ އެވެ.
ދީބާ ވިދާޅުވީ މީގެ ތެރެއިން މުވައްޒަފުންގެ ޓްރެއިނިންއަށް ކަނޑައަޅާފައިވަނީ ވަރަށް މަދު އަދަދެއް ކަމަށާއި އޭގެ ސަބަބުން ސިވިލް ސާވަންޓުންނަށް އެތިކްސް ޓްރެއިނިން ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!
މުސާރަ ކުޑަކަމުން މުވައްޒަފުން ހަރުނުލާ: މީރާ
ކެނެޑާގެ މި ފެންގަނޑު މަގުބޫލު މަންޒިލަކަށް!