ސަރުކާރުން ބޭނުންވާ ބަޔަކަށް ފަނޑިޔާރުކަން ދޭންވެގެން ހައިކޯޓުގެ ފަސް ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފި އެވެ.

ހައިކޯޓުގައި ތިއްބަވާ 11 ފަނޑިޔާރެއްގެ ތެރެއިން ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުން އަންނަކަން "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.

ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒު ފަހުމީގެ މައްސަލަތަކެކެވެ.

އެނގިފައިވާގޮތުގައި ސަރުކާރުން އުޅެނީ އެ ފަސް ފަނޑިޔާރުން ވަކިކޮށް ސަރުކާރުން ބޭނުންވާ ބަޔަކު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށެވެ.

މީގެތެރެއިން ބައެއް ފަނޑިޔާރުން ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ޖޭއެސްސީގައި ވެސް އިންނަވާ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަކިކުރަން އުޅުމުން އޭނާ ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ.

ޖޭއެސްސީން އަންނަނީ ބައެއް ފަނޑިޔާރުންނަށް ރިޓަޔާކުރެއްވުމަށް ވެސް ޕްރެޝަރު ކުރަމުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮތް ޖޭއެސްސީގެ މެދުވެރިކޮށް ސަރުކާރުން އަންނަނީ ކޯޓްތަކަށް ނުފޫޒު ފޯރުވަމުންނެވެ.

ޖޭއެސްސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ދާދިފަހުން ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ވެސް ނަގާފަ އެވެ.