ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓޭނީ ހާރިޖީ ގުޅުމުން ކަމަށާއި އެކަން ކުރެވޭނީ ބަރު ހަތިޔާރުން ނޫން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ، ފެނާއި ނަރުދަމާއަށް ކުރާ ހަރަދަށް ވުރެ، ބަރު ހަތިޔާރު ގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަރަދު މާ ބޮޑު ކަމަށެވެ. އެއީ ރާއްޖޭގެ ކުރިމަގަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"މި ބަޖެޓު ކުރަނީ ފެނާއި ނަރުދަމާއަށްވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް. މިއީ އަޅުގަނޑުމެން ކުރިއަށްދާންވީ ގޮތެއް ނޫން ގައުމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ބަރު ހަތިޔާރަކުން ނޫން އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ދޭދޭ ގައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުމާއި އަޅުގަނޑުމެންގެ ދަރަނި ދެއްކޭނެ ގޮތެއް ލިބިގެން،" އޭނާ ވިދާޅުވި އެވެ.

ދިފާއީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ މި އަހަރަށް ފާސް ކުރި އަސްކަރީ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބެލެވޭ ގޮތުގައި މިއަދު ނުވަތަ މި ހަފުތާގައި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސް ކުރާނެ އެވެ. ބަޖެޓުގެ ޖުމުލަ ވެލިއުއަކީ 62.4 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓު ފާސްކޮށްފި ނަމަ ވާނީ ރާއްޖެއަށް ފާސް ކުރި އެންމެ ބިޔަ ބަޖެޓަށެވެ. މި އަހަރުގެ ބަޖެޓުގެ ވެލިއުއަކީ 56.5 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މުއިއްޒު ވިދާޅުވި 9.3 ބިލިއަނަކީ އަންނަ އަހަރުގެ ކުރީކޮޅު މެޗުއާ ވާ ސުކޫކާއި ބޮންޑުގެ ޕޭމަންޓަށް އަރާނެ ހަރަދެވެ.