ސިންގަޕޫރު އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ސްރީލަން އެއާލައިންސް އާ ޓާމިނަލަށް ބަދަލުވަނީ ކޮންއިރަކުތޯ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދެމުންދާ ސުވާލެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހުޅުވިއިރު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަރަށް ޔަގީންކަމާއެކު އެއް ވާހަކަ ވިދާޅުވި އެވެ.
"ޔަގީންކަމާ އެކު ދެންނެވިދާނެ، ސެޕްޓެމްބަރަށް ހުރިހާ އެއާލައިނެއްގެ ސާވިސް އާ ޓާމިނަލުން ލިބެން ފަށާނެ،" ޖުލައި 23 ވަނަ ދުވަހު "މިހާރު" ނޫހަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓަށް މި ވަގުތު 34 އެއާލައިނެއްގެ މަތިންދާބޯޓު ޖައްސަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަންނަ ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކުރެވޭނެ ވާހަކަ އެވެ. ނަމަވެސް ސެޕްޓެމްބަރު ފަހަނައަޅައި ޑިސެމްބަރު މަސް ފެށޭއިރު ވެސް ޝަރީފު ވިދާޅުވި ގޮތަށް އެކަން ނުނިމެ އެވެ.
ސިންގަޕޫރު އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ސްރީލަންކަން އެއާލައިންއަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 40 ޕަސެންޓް އުފުލާ އެއާލައިންތަކެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ދަތުރުތައް ވެސް ކުރަނީ އެ ހަތަރު އެއާލައިނުންނެވެ.
އެ ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ދިގުލައިގެންދާތީ ސުވާލުކުރުމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސިންގަޕޯ އެއާލައިން މިމަހުގެ 30 ގައި އާ ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ. އަދި އެމިރޭޓްސް އާއި ގަތަރު އެއާވޭސް ޑިސެމްބަރު 1 ގައި ބަދަލުވާއިރު ސްރީލަންކަން އެއާލައިންސް ބަދަލުކުރާނީ ޑިސެމްބަރު 10 ގައި ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ދަތުރުކުރާ އެމިރޭޓްސް މިހާރު ވެސް ދުވާލަކު ހަތަރު ދަތުރުކުރެ އެވެ. ގަތަރު އެއާވޭސް އާއި ސްރީލަންކަން ދުވާލަކު ތިން ދަތުރުކުރާއިރު ސިންގަޕޯ އެއާލައިންސް އިން ދުވާލަކު ދެ ދަތުރުކުރެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން 72 ޕަސެންޓް މީހުން އުފުލާ އެއާލައިންތައް މިހާރު އާ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އާ ޓާމިނަލްގައި މިހާރު 1500 އެއްހާ މީހުންނަށް ކެއިން ބުއިމުގެ ހިދުމަތްދޭ ފުޑް ކޯޓަކާއި ޑިއުޓީ ފްރީގެ ހިދުމަތް ވެސް އާ ޓާމިނަލްގައި ފަށާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އާ ޓާމިނަލުން ލިބޭ ހިދުމަތްތައް ފުރިހަމަ ނުވުމަކީ ޕެސެންޖަރުންގެ އެންމެ ބޮޑު ޝަކުވާ އެވެ. އާ ޓާމިނަލް ބޭނުންކުރަން ފެށިއިރު އެތަނުގައި އޭރު ކެއިންބުއިމުގެ ހިދުމަތާއި ޑިއުޓީ ފްރީ ހިދުމަތެއް ނުލިބެ އެވެ. ނަމަވެސް މިހާރު މަޑުމަޑުން އެތަންތަން އަންނަނީ ހުޅުވަމުންނެވެ.
"ފަސިންޖަރުންނަށް އެންމެ މުހިންމު ވާނީ ކެއިންބުއިމުގެ ހިދުމަތް. އެކަން ނުފެށި ލަސްވީ އެމްއޭސީއެލްގެ ވެރިންގެ ނާގާބިލްކަމުން. މިތަން ހުޅުވާއިރު އެހުރިހާ ކަމެއް ހުންނަންވާނީ ފެށޭ ގޮތަށް ތައްޔާރުކޮށްފައި. އޭގެ ބަދަލުގައި ސީޒަން ފެށޭއިރު ވެސް ރަނގަޅަށް ހިދުމަތެއް ނުފެށޭ،" މާލެ ކައިރީގައި ހިންގާ ފަސް ތަރީގެ ރިސޯޓެއްގެ އެއާޕޯޓު މެނޭޖަރަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
އޭނާ ބުނީ އާ ޓާމިނަލްގެ ހިދުމަތްތައް "ކަޑަ"ކަމުގެ ޝަކުވާ ޓޫރިސްޓުން ކުރާ ކަމަށެވެ. އަދި އެކަން އެމްއޭސީއެލްގެ ވެރިންގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އެ މެނޭޖަރު ބުންޏެވެ.
"މި ޓާމިނަލް ހުޅުވި ފަހުން މިހާރު ހަތަރު މަސް މިވަނީ. އެކަމަކު އަދިވެސް އެމްއޭސީއެލްގެ ވެރިންނަށް ނޭނގެ ގިނަ ހިދުމަތްތައް ފުރިހަމައަށް ލިބޭނީ ކޮންއިރަކުން ކަމެއް،" އޭނާ ބުންޏެވެ.
އެ މެނޭޖަރު ބުނީ އާ ޓާމިނަލްގެ ހިދުމަތްތައް ފުރިހަމަ ކުރުމުގެ ބަދަލުގައި އެމްއޭސީއެލް އިން އުޅެނީ ކުންފުނީގެ މެންޑޭޓުން ބޭރު ކަންކަމުގައި މަޝްއޫލުވެގެން ކަމަށެވެ.
"ރަސްމާލެ ހިއްކުމާއި ހުޅުމާލެ 3 ހިއްކުމާއި ކުދިކުދި ރަށްރަށުގައި އައުޓް ޑޯ ޖިމް ހެދުމާއި ކުދިކުދި ރަށްރަށުގައި އެއާޕޯޓު ހަދަން ހުސްގަނޑުގައި ސޮއިކުރުން ފަދަ ކަމާ ނުގުޅޭ ކަންކަމުގައި. އެކަންކަމަށް ވުރެ އިސްކަން ދޭންވީ މިތަނުގައި ފަށާފައި ހުރި ކަންކަން ފުރިހަމަކުރަން،" އޭނާ ބުންޏެވެ.
އާ ޓާމިނަލަކީ ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހަދާ ތަނެކެވެ. އޭގެ ތެރެއިން ފުރަތަމަ ހިދުމަތް ދޭން ފަށާނީ 3.7 މިލިއަން ފަސިންޖަރުންނަށެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިދިޔަ މެއި 22 ގައި ވިދާޅުވީ، ޓާމިނަލްގެ ބޭނުން ކުރަން ފަށާއިރު، އެންމެ ފުރަތަަމަ ހުޅުވާނީ ޓާމިނަލްގެ އެއް ބައި ކަމަށެވެ. ފުރަތަމަ ހިދުމަތް ދޭނީ އެ ޓާމިނަލުގައި ހަދާ ހަ އެއިރޯ ބްރިޖުގެ ތެރެއިން ފުރަތަމަ ތިން އެއިރޯ ބްރިޖު ބޭނުން ކޮށްގެންނެވެ.
"އަހަރުގެ ފަހުކޮޅަށް މި މަސައްކަތް ކުރަނީ. އޮކްޓޫބަރު/ ނޮވެމްބަރަށް. ޕާޝަލް ކޮމްޕްލީޝަނަކަށް،" ޝަރީފު ކުރިން ވިދާޅުވެފައިވެ އެވެ.
އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ޓާމިނަލްގެ މަސައްކަތްތައް ލަސްވި އެވެ. އެއާލައިންތައް ވެސް އެތަނަށް ބަދަލުވަމުން މިދަނީ ހަމަ އެ އުސޫލުންނެވެ.
ކަރަންޓުގައި ޖެހުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފައި
މޭޔަރު ކަމަށް މިފަހަރު ވެސް އިއްސެ ކުރިމަތިލައްވަނީ
ކެއުންތަކުގެ ފައިދާ ހަށިގަނޑަށް ކުރަނީ ތަފާތު ވަގުތުތަކުގައި!