އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ ވަގުތީ ޗެއާޕާސަން ހޮވާ ބައްދަލުވުން ހޯމަ ދުވަހުގެ ރެއަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ މަގާމަށް ތާއީދު ލިބުނު ދެ ބޭފުޅުންގެ ތެރެއިން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ގެ ނަން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ބާއްވަނީ ކުރިން ބޭއްވި ޖަލްސާގެ މެދުކަނޑާލި ހިސާނުން ކުރިއަށްގެންދަން ބާއްވާ ޖަލްސާއެއް ކަމުން އާ ބޭފުޅެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އެހިފަހުން ވަނީ ޖަލްސާ ހޫނުވެފަ އެވެ. އެހެންވެ ޖަލްސާ މެދުކަނޑާލީ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ވަގުތީ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ނަން ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އަކީ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްުވާތީ، އެ ފުރުސަތު ނޯންނާ ކަމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ.