ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން މި މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ގުރުއަތުލުން އޮންނާނީ ކަލާފާނު ސްކޫލް ހޯލުގަ އެވެ.

ނަމަވެސް މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނަގާނީ، ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެހެންކަމުން އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މީހަކު އަންނައިރު އައިޑީ ކާޑު ގެންނަން ވާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން މިހާރު ފެންނަން ވެސް ހުންނާނެ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާއިރު މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ. ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތު ދެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ދިނެވެ.

ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައިވެ އެވެ.

ބިން ހިއްކައި، ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދިން ނަމަވެސް، އެ ތަންތަނުގައި ފެނާއި، ކަރަންޓާއި، ނަރުދަމާ ފަދަ އެއްވެސް އަސާސީ ޚިދުމަތެއް އަދި ނެތެވެ. މީގެ އިތުރުން މަގުތައް ވެސް ނުހަދައެވެ. އެހެންވެ އެ ތަންތަނުން ގޯތި ލިބުނަސް އަދިވެސް އެ ތަންތަން ހެދުމުގެ މަސައްކަތް ބިން ލިބުނު މީހުންނަށް ނުފެށެ އެވެ.