ރާއްޖޭގައި ހަދާ ޕީއެޗްޑީ ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ގަބޫލުކުރާނީ ފުލްޓައިމްކޮށް މަދުވެގެން ތިން އަހަރު، ނުވަތަ ޕާޓްޓައިމްކޮށް މަދުވެގެން ހަ އަހަރު ފުރިހަމަކުރުމުން ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފި އެވެ.

އެމްކިއުއޭއިން އެ އިދާރާގެ ގެޒެޓުގައި އާންމުކުރި ދެންނެވުމެއްގައި ބުނީ ރާއްޖޭން ބޭރުން ހަދާ ޕީއެޗްޑީ ގަބޫލުކުރުމަށް ހެދިފައި އޮތް އުސޫލެއް އެކުލަވާލާފައި އޮތް ނަމަވެސް ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހިންގާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ޕްރޮގްރާމުތަކާ ގުޅޭގޮތުން ވަކި ޚާއްސަ އުސޫލެއް އަދި އާންމުކުރެވިފައި ނެތް ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި، ނުވަތަ ބޭރުގެ ކޮލެޖުތަކާ ގުޅިގެން ރާއްޖޭގައި ހާސިލްކުރާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދުތައް ގަބޫލުކުރާނީ މިހާރުވެސް ބޭރު ގައުމުތަކުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހާސިލްކުރާ ޕީއެޗްޑީ ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް، އެމްކިއުއޭއިން ބުންޏެވެ. އަދި އެގޮތަށް އެ އިދާރާގެ ބޯޑުން ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ފުލްޓައިމް ކަމަށް ބަލާނީ މަދުވެގެން ތިން އަހަރު ކަމަށާއި، ޕާޓްޓައިމްކޮށް ބަލާނީ ފުލްޓައިމްގެ ދެގުނަ މުއްދަތުކަމަށްވެސް އެ ދެންނެވުމުގައިވެ އެވެ.

ޕީއެޗްޑީ އަށް ކިޔަވާއިރު 360 ކްރެޑިޓް ހަމަވާން ޖެހޭ ކަމާއި، ގިނަ އަދަދެއްގެ ދިރާސާ ކުރަންޖެހޭކަން އެމްކިއުއޭއިން ފާހަގަކުރިއެވެ. އެހެންކަމުން ޕީއެޗްޑީއަށް ކިޔަވާއިރު މަދުވެގެން 36،000 ގަޑިއިރު ތިން އަހަރު ދުވަހުގެ ތެރޭ މަދުވެގެން ފުރިހަމަކުރަންޖެހޭކަން ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.

އެކަމަކު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ދަތިވާނެކަން ފާހަގަކޮށް، އެމްކިއުއޭއިން ވަނީ އެފަދަ ފަރާތްތަކުން ޕީއެޗްޑީ ހާސިލްކުރާނަމަ ޕާޓްޓައިމްކޮށް އެކަން ކުރުމަށް އަންގައިފަ އެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، ދެންނެވުނު މިންގަނޑާއި އެއްގޮތަށް ޢަމަލުކުރުމަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަންނަވާކަމަށް އެ ދެންނެވުމުގައި ބަޔާންކޮށްފައި އެވެ.