އެމެރިކާގެ ރައީސް ކަމަށް އައުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށްޓަކައި އިލްމާއި ހިލްމާއި ގިނަ އަދަދެއްގެ ފައިސާ ބޭނުންވެ އެވެ. ކެމްޕޭނަށް މިލިއަނުން ޚަރަދު ކުރަން ޖެހެ އެވެ. އާންމު ގޮތެއްގައި އެމެރިކާގެ ރައީސް ކަމަށް އާދެވޭނީ ބޮޑެތި މަހުޖަނުންނަށެވެ. ވަރަށް މަތީ ފާސް ނަގައިގެން ތިބޭ މޮޅު މީހުންނަށެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް ބޮޑު މަހުޖަނެކެވެ. އެފަދަ ވާދަވެރި އުނދަގޫ މަގާމަކަށް އާދައިގެ ނިކަމެތި، އަމުދުން އަތުގައި ލާރި ނެތް ފަގީރަކަށް އާދެވިއްޖެ ނަމަ އެ މީހާގެ ވާހަކަ ވާނީ އާދަޔާ ޚިލާފު ވާހަކަ އަކަށެވެ. އެމެރިކާގެ 17 ވަނަ ރައީސް އެންޑްރޫ ޖޯންސަންގެ ވާހަކަ ފާހަގަ ކޮށްލެވެނީ މި ސަބަބާ ހުރެ އެވެ.

އެންޑްރޫ ޖޯންސަން އަކީ ފަގީރު އާއިލާއަކަށް އުފަންވި ކުއްޖެކެވެ. އޭނާ އުފަންވީ ލަކުޑި ޖިފުޓިއަކަށެވެ. އެންޑްރޫގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ ބައްޕަ މި ދުނިޔެއާ ވަކި ވެއްޖެ އެވެ. އެއީ ވަރަށް ދަށް ފެންވަރުގެ މަސައްކަތް ކުރަމުން ގެންދިޔަ ފަގީރެކެވެ. ބައްޕަ މަރުވުމުން އެންޑްރޫގެ މަންމަ ދަރިން ބެލުމަށްޓަކައި ތަފާތު ނޯކިރީތައް ކުރި އެވެ. އެހެން މީހަކާ ކައިވެނި ވެސް ކުރި އެވެ. އެހެނަސް އާއިލާގެ ފަގީރުކަން ބަދަލު ކޮށްލެވޭ ގޮތެއް މެދުވެރިއެއް ނުވި އެވެ. އެ ހާލަތުގައި ކިޔެވުމުގެ ފުރުސަތު ވެސް އެންޑުރޫ އަކަށް ނުލިބުނެވެ. އެންމެ ފަހުން އުމުރުން 14 އަހަރުގައި އެންޑުރޫ އަށް ޖެހުނީ ބަޑުފުރާނަ މުއްތި ކުރުމަށްޓަކައި މަސައްކަތް ކުރާށެވެ.

އެންޑުރޫގެ މަސައްކަތެއް ލިބުނީ ފަހާ ފިހާރައަކުންނެވެ. އެ މަސައްކަތުން ކެއިން ބުއިމުގެ ޚަރަދުތައް ހަމަޖެހުނަސް މަސައްކަތް ބުރަވެފައި ވެރި މީހާގެ އަނިޔާވެރިކަން ބޮޑެވެ. އެ ތާނގައި އެންޑުރޫ އަށް ކެތް ކޮށްލެވުނީ އެންމެ ދެ އަހަރު ދުވަހު އެވެ. އެއަށްފަހު އެންޑުރޫ އޭނާގެ ގެ އާއި އަވަށް ދޫކޮށް އެތަން މި ތަނަށް ހިޖުރަ ކުރި އެވެ. އަތުގައި ފައިސާއެއް ރަސްމީ ތައުލީމެއް ނެތި އެވެ. ދެ އަހަރެއްހާ ދުވަހު އެތަން މިތާނގައި ގަނަ ތެޅުމަށްފަހު އޭނާ ހަމަޖެހިލީ ޓެނެސީގެ ގްރީން ވިލީ ގަ އެވެ. އެ އަވަށުގައި ކުޑަ ފަހާ ތަނެއް ހުޅުވުމުގެ ފުރުސަތު ލިބުމުންނެވެ. އެ މަސައްކަތުގައި ބުރަކޮށް އުޅެމުން އެންޑްރޫ އަމިއްލައަށް ކިޔަވަން ފެށި އެވެ. ލިޔެ ކިޔަން ދަސްކުރި އެވެ. ހިސާބު އަކުރު ޖަހައިދީ ދަސްކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިއަކަށްވީ އޭނާގެ އަންހެނުންނެވެ. އެންޑްރޫ ފަހާފޮށި ދޮށުގައި ފެހުމުގެ މަސައްކަތުގައި ބުރަކޮށް އުޅޭއިރު އޭނާގެ އަންހެނުން ތަފާތު ފޮތްތައް ކިޔައިިދޭން ހުރެ އެވެ. ތާރީޚާއި ސިޔާސަތާއި އެނޫންވެސް ތަފާތު ދާއިރާތަކަށް އެންޑްރޫގެ ލޯހުޅުވުނީ އެ ފޮތްތަކުންނެވެ.

މީހުންނާ ގުޅޭ މިޒާޖެއްގެ މީހަކަށްވުމުން އެންޑުރޫގެ ފަހާ ތަނަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރަމުން ދިޔަ އެވެ. އެ ފިހާރައަކީ ތަފާތު މައުލޫތަކަށް ބަހުސުކޮށް ޚިޔާލު ފާޅުކުރާ ތަނަކަށް ބަދަލުވި އެވެ. އެންޑްރޫގެ ސިޔާސީ ހަޔާތުގެ ބިންގާ އެޅުނީ އެ ހިސާބުންނެވެ. ފަހާ ތަނުގައި ކުރެވޭ ބަހުސްތަކުގައި އެންޑްރޫ ވީ އެ މީހުންގެ ލީޑަރަކަށެވެ. މަޑުމަޑުން އެ ޖަމާއަތް ބޮޑުވެ، އެއީ މުޅި ހިސާބުގަނޑުގެ އަޑު ކަމަށްވި އެވެ.

ފަހާތަނުގައި އުފެދި ބޮޑުވި ސިޔާސީ ހަރަކާތުގެ ތެރެއިން ލޯކަލް ކައުންސިލަށް އެންޑްރޫ އިންތިޚާބު ވި އެވެ. އެއަށްފަހު މޭޔަރުކަމުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވާ ކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ. އެންޑްރޫގެ މެސެޖް ވަރަށް ސާފެވެ. އޭނާ ބުނަމުން ގެންދިޔައީ ސަރުކާރުން ހިމާޔަތް ކުރަން ޖެހޭނީ މުއްސަނދި މަހުޖަނުންގެ ހައްގުތަކުގެ ބަދަލުގައި ގައުމުގެ މަސައްކަތްތެރީންގެ ހައްގުތައް ކަމަށެވެ.

އެ މެސެޖާއެކު އެންޑްރޫގެ ވާހަކަތައް ވައިގައި ހިފައި އެންމެ ފަހުން އެމެރިކާގެ 16 ވަނަ ރިޔާސީ އިންތިޚާބަށް ރަނިންމޭޓެއްގެ ހައިސިއްޔަތުން ނިކުމެ އިންތިޚާބު ކާމިޔާބުކޮށް ނައިބު ރައީސެއްގެ މަގާމުގައި ވައިޓު ހައުސްއަށް ވަނެވެ.

އެންޑްރޫ ޖޯންސަން އަށް އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންނެވީ އެ ގައުމުގެ 16 ވަނަ ރައީސް އަބްރަހަމް ލިންކަން އަވަހާރަ ކޮށްލުމުންނެވެ. އެ ހިސާބުން ގައުމުގެ ރައީސް ކަމާހަވާލުވެ ވަޑައިގެން ގައުމަށް ޚިދުމަތްތަކެއް ކުރެއްވީ ތަފާތު ގޮން ޖެހުންތަކާ އެކު އެވެ.

އެމެރިކާގެ 17 ވަނަ ރައީސް އެންޑްރޫ ޖޯންސަންގެ ހަޔާތުން ޔަގީން ވަނީ ސިޔާސީ ގޮތުން ކުރިއަރައި ބާރު ގަދަ މަގާމުތަކަށް ދިއުމަށް ފައިސާއަކީ ހަމަ އެކަނި ހަތިޔާރު ނޫން ކަމެވެ. އާންމުންގެ އަޑު އަހައި އެމީހުން ތަމްސީލު ކޮށްގެން ވެސް ސިޔާސީ ގޮތުން ބާރުގަދަ މަގާމުތަކަށް ދެވިދާނެ ކަމެވެ.