އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ ކައުންސިލަށް މެންބަރުން ހޮވުމަށް ވޯޓުލާންޖެހޭގޮތަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ސަރުކާރުން ވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފަ އެވެ.
ހިރިމަރަދޫ ރައްޔިތުން ދޮޅު އަހަރުގެ ތެރޭގައި ހަނިމާދުއަށް ބަދަލުކުރަން ރައީސް މުއިއްޒު ވަނީ މީގެކުރިން ނިންމަވާފަ އެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނެފައި ވަނީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ ކަމަށެވެ.
އެގޮތަށް ކަނޑައެޅުއްވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަން ޖެހޭނީ އެ މީހުން އަލަށް ބަދަލުވި ރަށް ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާތީ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.
އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެމްބަރުން ހޮވުމަށެވެ.
1 ކޮޓަރި ފްލެޓު ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދައިފި
ޔޫކްރޭނުން ސުލްހަވާން ބޭނުމެއް ނުވޭ: ޕޫޓިން
އެމްއޭސީއެލް އަކީ ވައްކަންކޮށްދޭ މަރުކަޒަކަށް ވެއްޖެ: ޔާމީން
