ހުއްދަ ދީފައިވާ ގޮތާއި ހިލާފަށް އޮންލައިން ކޯސްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެގޮތަށް އޮތޯރިޓީން ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ހިންގާ އެއްވެސް އޮންލައިން ކޯހެއްގެ ސަނަދު ގަބޫލުނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އަންގާރަ ދުވަހު ބުނެފި އެވެ.
ފަހަކަށް އައިސް އެ އެމްކިއުއޭ އިން ހުއްދަދީފައިވާ މިންގަނޑާއި ޚިިލާފަށް ހިންގާ ކޯސްތަކުގެ މައްސަލަ ބޮޑުކަން ފާހަގަކޮށް އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް އެ އޮތޯރިޓީން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ހިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ކޯސްތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.
"ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް މި އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު މި އޮތޯރިޓީން ގަބޫލު ނުކުރާނެ ވާހަކަ ދަންނަވަމެވެ،" އެމްކިއުއޭ އިން ބުންޏެވެ.
އެމްކިއުއޭގެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށް ކަން ކަށަވަރުކުރުމާއި ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި އެކްރެޑިޓުކުރުމާއި އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމަކީ އެތަނުގެ ޒިންމާއެއް ކަމަށެވެ.
މަތީ ތައުލީމު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ވެސް ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ.
އެމްކިއުއޭގެ ހުއްދަ ނެތި ކޯސްތައް ހިންގައި، ސެޓްފިކެޓް ދޭ މައްސަލަ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ފެންމަތިވެފަ އެވެ.
މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ
ބޮލީވުޑް: މި ތަރިންނަކީ އިންޑިއާ ރައްޔިތުންނެއް ނޫން!