ސިވިލް ސާވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސް އެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ދާދި ފަހުން ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް އާއްމުކުރިއިރު، މުވައްޒަފުން ހާއްސަކޮށް އަންހެން މުވައްޒަފުން ހެދުން އެޅުމުގެ ގަވައިދު ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް މެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތު ނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މި އުސޫލުތަކުގެ ސަބަބުން ސީދާ ހުރަސް އެޅެ އެވެ.
"ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތް ކުރަން ޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ 'އެޕިއަރެންސް' މޮނިޓަ ކުރުމަށް މަސައްކަތްކުރާ ކަމެވެ" އެ ބަޔާނުގައި ވެ އެވެ.
މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާން ޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާ އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށާއި އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
"އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތު ކުރުމެކެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް ނުހިންގައި، ހަމައެކަނި ސިވިލް ސާވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒު ކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫން ކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެ އެވެ." ބަޔާނުގައިވެ އެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށާފައިވާ ނުރައްކާތެރި މަސައްކަތެއް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މިއާއެކު އެމްޑީޕީން ވަނީ މި ފަދަ އުސޫލުތަށް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލައިފަ އެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭ ފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އިލްތިމާސްކޮށްފައި ވެ އެވެ.
ދެ އިންތިޚާބު އެއްކޮށްލުން ރަނގަޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
ވެނެޒުއޭލާ ދެން ހިންގާނީ އެމެރިކާއިން: ޓްރަމްޕް
ބީޓީއެސްގެ އާ އަލްބަމް މިއަހަރު ރިލީޒް ކުރަނީ!