ތެލުގެ އެންމެ ބޮޑު ރިޒާވް އޮތް ވެނެޒުއޭލާއަށް އެމެރިކާއިން އިއްޔެ ހަމަލާދީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ވަގަށް ނެގިކަން އިއުލާން ކުރުމާއެކު، އެމެރިކާއިން ވެރިކަން ފޭރިގަތް ވެރިންގެ ލިސްޓުގައި މަދޫރޯ ހިމެނިއްޖެ އެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ ރައީސް މަދޫރޯ ވަގަށް ނެގި ފަހުން އެ ދެބޭފުޅުންގެ ހަބަރެއް ނުވާ ކަމަށް ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެފައި ވެ އެވެ. ހަމަލާތަކަށްފަހު ދެއްވި އޯޑިއޯ މެސެޖެއްގައި ނައިބު ރައީސް ޑެލްސީ ވަނީ މަދޫރޯ އާއި ފްލޯރެސް ދިރިތިއްބެވިކަމުގެ ހެކި ހޯދުމަށް ސަރުކާރުން ޑިމާންޑް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ރޭގެ ވަގުތެއްގައި މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން ހަމަލާ ދީފައި ވަނީ ވެނެޒުއޭލާއަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު އެވެ. އިންޒާރުދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވަ އެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވަ އެވެ.

ރައީސް މަދޫރޯ އެމެރިކާއިން ވަގަށް ނެގުމާއިއެކު، އެބޭފުޅާ މިވަނީ އެމެރިކާއިން ވެރިކަން ފޭރިގަތް އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއާއި ޕެނަމާގެ ކުރީގެ މިލިޓަރީ ލީޑަރު މެންވެލް ނޮރިއޭގާ ފަދަ ބޭފުޅުންގެ ތެރޭގައި ހިމެނިފަ އެވެ.

ޕެނަމާގެ މިލިޓަރީ ލީޑަރު މެންވެލް ނޮރިއޭގާ ވެރިކަމުން ދުރުކުރުން

1989 ގައި ވެނެޒުއޭލާއަށް ހަމަލާދިން ފަދަ ގޮތަކަށް ހަމަލާދީ، އޭރު ޕެނަމާގައި މިލިޓަރީ ވެރިކަމެއް ކުރަމުންދިޔަ މެންވެލް ނޮރިއޭގާ ވަނީ ވެރިކަމުން ދުރުކޮށްފަ އެވެ.

އެ ފަހަރު ވެސް އެމެރިކާއިން ތުހުމަތު ކުރީ ނޮރިއޭގާ އަކީ މިއާމީއަށް އެންމެ ގަދަޔަށް ޑްރަގު އެތެރެކުރާ ފަރާތް ކަމަށެވެ.

ޕެނެމާގެ ކުރީގެ މިލިޓަރީ ލީޑަރު ޖެނެރަލް މެންވެލް ނޮރިއޭގާ

ނޮރިއޭގާ ވެރިކަމުން ދުރުކުރުމަށް އެމެރިކާއިން ހަމަލާދިނީ ޕެނަމާގެ އިންތިހާބީ ރައީސް ނިކޮލަސް އާޑިޓޯ 1985 ގައި ވެރިކަމުން ދުރުކޮށް، 1989 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އިންތިހާބު ކެންސަލްކޮށް އެމެރިކާއާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމާ ގުޅިގެންނެވެ.

އެމެރިކާއިން ޕެނަމާއަށް ދިން ހަމަލާ ވެގެންދިޔައީ ވިއެޓްނާމް ހަނގުރާމައަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ. ނޮރިއޭގާ ޕެނަމާ ދޫކޮށް ވަޑައިގެންނެވުމަށްފަހު، މިއާމީ އިން އޭނާ އެމެރިކާއާ ހަވާލުކޮށް ޖަލުގައި ބަންދުކޮށްގެން 2010 ވަނަ އަހަރާއި ހަމައަށް ގެންގުޅެފައިވެ އެވެ. އޭގެފަހުން ފްރާންސްގައި ވެސް ބަންދުގައި ބެހެއްޓުމަށްފަހު ޕެނަމާއަށް ގެންގޮސް އެތަނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވެ އެވެ. އޭނާ މަރުވީ ޖަލުގައި 2017 ވަނަ އަހަރު އެވެ.

އިރާގުގެ ރައީސް ސައްދާމް ހުސައިން

އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިން އެމެރިކާއިން ހައްޔަރުކޮށްފައި ވަނީ ނުވަ މަސްދުހަވު އިރާގަށް ހަމަލާ ދިނުމަށްފަހު އެ ގައުމު ހިފައި، 13 ޑިސެމްބަރު 2003 ގަ އެވެ.

ސައްދާމް އާ ދެކޮޅަށް އެމެރިކާއިން ދެއްކި ހުއްޖަތަކީ ބަގުދާދުގައި ޑަބްލިއުއެމްޑީ ހަތިޔާރު ރައްކާކޮށް ގެންގުޅޭ ކަމަށް ބުނެ އެވެ. އޭގެ އިތުރުން އަލް ގައިދާ އާ ސައްދާމް ހުސައިން ގުޅުން އޮންނަ ކަމަށް ވެސް އެމެރިކާއިން އޭރު ތުހުމަތު ކުރި އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން

ސައްދާމް ހުސައިން ވެރިކަމުން ދުރުކުރުމުން އިރާގުގެ ހޮހަޅައެއްގައި ފިއްލަވައިގެން އުޅުއްވުމަށްފަހު، އެ ގައުމުގެ ކޯޓަކުން އޭނާ ދަންޖެއްސުމަށް އަމުރު ކުރުމާއެކު، 30 ޑިސެމްބަރު 2006 ގައި ސައްދާމް ހުސެއިން ވަނީ ދަންޖައްސައި މަރާލާފަ އެވެ.