ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސްގެ މަގާމައް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އާއިޝަތު ރަމީލާ އައްޔަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބައިވެރިނުވެ ކުރިޔަށް ގެންދިޔަ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 38 މެންބަރުން ވޯޓު ދިނީ ރަމީލާ އައްޔަންކުރަން ފެންނަ ކަމަށެވެ.

މިއަދުގެ ޖަލްސާ ޚާއްސަކުރީ އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރުމަށެވެ، އެކަން ނިމުމާއި އެކު ޖަލްސާ ވަނީ ނިންމާލާފަ އެވެ. މިކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ މިއީ މަޖިލީހުގެ އާންމު ޖަލްސާއެއް ނޫން ކަމަށެވެ.

ކުޑަ ވަގުތު ކޮޅެއްގައި މަސައްކަތް ކުރީ މަޖިލީހުގައި މަސައްކަތް ނެތިގެން ނޫން ކަމަށާއި ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގައި ކުރާނީ އެ ޖަލްސާއަށް ހުށަހެޅޭ މަސައްކަތްތައް އެކަނި ކަމަށެވެ. މިކަން ތަފުސީލުކޮށްދިނީ މަޖިލީހުގެ ޖަލްސާތައް އަވަހަށް ނިންމާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން މިހާރު ކުރިއަށްގެންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފަ އެވެ. ދައުރުން ބޭރުން ފުރަތަމަ ޖަލްސާއެއް ބޭއްވީ އިއްޔެ އެވެ.

ޑިސެމްބަރު 3، ގައި ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024، ގަ އެވެ.

އެންމެ ފަހު ސްޓޭޖުގައި ކެންސަރު ބަލި ހުރިކަން އެނގުމާއެކު ނޮވެމްބަރު، 2023, ގައި ވެސް ފަރުވާއަށް ގައުމުން ބޭރަށް މިނިސްޓަރު ރަމީލާ ވަޑައިގަތެވެ. ފަރުވާ އަށް ފަހު އަލުން އެނބުރި މަސައްކަތަށް ނުކުންނެވީ ފެބްރުއަރީ، 2024، ގެ ކުރީކޮޅު އެވެ.

މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.