އިންސްޓަންޓް ނޫޑްލްސްއަކީ އަނގައަށް މީރުވުމާއި ތައްޔާރު ކޮށްލަން ފަސޭހަކަމުގެ ސަބަބުން އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ.
އެހެން ނަމަވެސް އިންސްޓަންޓް ނޫޑްލްސްގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ސިއްހީ މާހިރުން އަބަދުވެސް އިންޒާރުދެ އެވެ.
އެގޮތުން ދިވެހި ރާއްޖޭގެ ނަން މަޝްހޫރު ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވެސް މިވަނީ ދާދި ފަހުން އެކަމުގެ އިންޒާރު ދިވެހިންނަށް ދީފަ އެވެ.
ޑރ. އަލީގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ޑޮކްޓަރު ވަނީ އިންޓަންޓް ނޫޑްލްސްއިން ލިބޭ ގެއްލުންތައް ކިޔައިދެއްވާފަ އެވެ.
އެގޮތުން އިންސްޓަންޓް ނޫޑްލްސްތަކުގައި ހިމެނޭ ލޮނު ޕަކެޓުތަކަކީ ދުވާލެއްގެ މައްޗަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ 70 ޕަސެންޓާއި 100 ޕަސެންޓް އިތުރަށް ލޮނު ހިމެނޭ އެއްޗެއް ކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް އިންސްޓަންޓް ނޫޑްލްސް ތައްޔާރު ކުރަން ބޭނުންކުރާ "ރިފައިންޑް" ފުށަކީ ކާބޯހައިޑްރޭޓްސް ގިނަ އެހެން ނަމަވެސް ސިއްހަތަށް ބޭނުންވާ ވިޓަމިންސްއާއި ޕްރޮޓީންސް މަދު އެއްޗެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
އެއާއެކު ޑޮކްޓަރު ވިދާޅުވީ އިންސްޓަންޓް ނޫޑްލްސް ކައްކަން ބޭނުންކުރާ ޕާމް އޮއިލްއަކީ ސެޗުރޭޓަޑް ފެޓްސް ގިނަ ބާވަތަކަށް ވުމުން އެއިން ކޮލެސްޓްރޯލް މަތިވުމާއި އެހެނިހެން ހިތުގެ ބަލިތަކަށް ވެސް މަގުފަހިވާ ކަމަށެވެ.
މިސަބަބުތަކަށްޓަކައި އާއްމު ކެއުމުގައި އިންސްޓަންޓް ނޫޑްލްސް ނުހިމެނުމަށާއި ކާން ޖެހިއްޖެ ހާލަތެއްގައި ވެސް ލޮނު ޕަކެޓުގެ ދެބައިކުޅަ އެއްބައި އަޅައިގެން ކެއްކުމަށް ޑޮކްޓަރު ލަފާދެއްވި އެވެ.
ތިނަދޫގައި "އިންކްލޫސިވް ސްޕޯޓްސް" ޕްރޮގްރާމެއް ބާއްވަނީ
ވައި ނުސާފުވެ ރާއްޖޭގެ ވައިގެ ދަތުރުތަކަށް ވެސް ބުރޫ އަރައިފި
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟