މާލޭގެ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މަގާމުގެ ފުރަތަމަ ދުވަހު މާލެއަށް ވެހިކަލް ރަޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުގައި އެދޭނެ ކަމަށް މާލޭގެ މޭޔަރުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އޮންލައިން ނޫސް، އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އިންތިހާބު ވެއްޖެނަމަ މަގާމާ ހަވާލުވާތާ ހަ މަސްދުވަހުގެ ތެރޭގައި މާލޭގެ ވެހިކަލް ކެރީޔިން ކެޕޭސިޓީ ކަނޑައަޅުއްވާނެ ކަމަށާއި ވައުދު ނުފުއްދިއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެއަށް ވެހިކަލް ރެޖިސްޓްރީ ކުރުން ވަގުތީ ގޮތުން ހުއްޓުވަން އެދޭނީ މިހާރު އެކަންކަމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތުމުން އެކަން ހަމައަކަށް އެޅެންދެން ކަމަށެވެ.
އާޒިމް ވިދާޅުވީ މިހާރު އެކަމަށް ހައްލެއް ނުލިބެނީ މާލޭގެ ޓްރެފިކް އާއި ޕާކިންގެ މައްސަލަ ހައްލުކުރަން ގާނޫނުތައް ރަނގަޅަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ރީނދޫ ރޮނގު ދަމާ ކޯނު ބެހެއްޓިޔަސް އެ މައްސަލަ ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އޭނާއަށް މޭޔަރުކަން ލިބިއްޖެ ނަމަ އެފަދަ ކަންކަން ހައްލުކުރާނޭ ކަމަށާއި އެކަންކަން ފުލުހުންނާއި ގުޅިގެން މާލޭގެ މަގުތައް މޮނީޓާ ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިން އަދި ޓްރެފިކުގެ މައްސަލަ އަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށް ވާއިރު، މިކަންކަން ހައްލުކޮށް، ހަމައަކަށް ނޭޅިގެން އުޅެނީ ހުއްޓުމެއްނެތި މާލެއަށް ވެހިކަލް އެތެރެކުރަމުން ދާތީ އެވެ.
މީގެ ކުރިން 2019 އިން 2024 އާ ދެމެދު ރާއްޖެއަށް 69,000 އަށްވުރެ ގިނަ ވެހިކަލު ރަޖިސްޓްރީކުރި ކަމަށް ސަރުކާރުން 2024 ގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައި ވަނީ މާލެ ސަރަހައްދަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ފަށައިގެން މި ނޫހަށް މައުލޫމާތު ދިން މުއްދަތާ ހަމައަށް ޕާކިން ޖާގަތަކުން އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޝަހީބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
ހީނާއާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުނުވުމުން ސަލީމް ހައިކޯޓަށް
ވައި ނުސާފުވެ ރާއްޖޭގެ ވައިގެ ދަތުރުތަކަށް ވެސް ބުރޫ އަރައިފި