އާއްމުކޮށް ބޭނުން ކުރެވޭ ތައްޔާރީ ކާނާގައި އެކުލެވޭ ބައެއް "ޕްރިޒަވޭޓިވްސް"ތަކުން ކެންސަރަށް މަގުފަހިވާ ކަމަށް ދާދި ފަހުން ހެދި ދިރާސާތަކަކުން ހާމަވެއްޖެ އެވެ.

ފްރާންސްގައި ހެދި ވަކިވަކި ދެ ދިރާސާއަކުން މިކަމަށް ބާރު ދީފައިވާއިރު އެ ދެ ދިރާސާގައި ވެސް އެފަދަ މާއްދާތަކުން ދިގު މުއްދަތުގައި ކެންސަރުގެ އިތުރުން ޓައިޕް 2 ހަކުރު ބައްޔަށް ވެސް މަގުފަހިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ބީއެމްޖޭ ޖާނަލްގައި ޝާއިއު ކޮށްފައިވާ ފުރަތަމަ ދިރާސާގައި ބުނެފައިވަނީ ދިގު މުއްދަތަކަށް ނިޓްރައިޓްސް ފަދަ ޕްރިޒަވޭޓިވްސް އެކުލެވޭ ބާވަތްތައް ބޭނުން ކުރާނަމަ އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް މަގުފަހިވާ ކަމަށެވެ.

އެއާއެކު ދެވަނަ ދިރާސާގައި އެފަދަ މާއްދާތަކާއި ހަކުރު ބަލީގެ ގުޅުން ފާހަގަކޮށް އެ މާއްދާތަކުގެ ސަބަބުން ހަކުރު ބަލީގެ ޓައިޕް 2 ޖެހުމުގެ ފުރުސަތު ދެގުނައަށް އިތުރުވާ ކަމަށް ބުނެފައިވެ އެވެ.

މި ދެ ދިރާސާއަކީ ވެސް 10،000 މީހުން ހިމަނައިގެން ކުރެވުނު ދިރާސާއަކަށްވާއިރު ދެ ދިރާސާގެ ހޯދުންތަކުން ވެސް ޕްރިޒަވޭޓިވް ބޭނުންކުރާ މީހުންގެ މެދުގައި ކެންސަރާއި ހަކުރުބަލި ގިނަކަން ދެނެގަނެވިފައިވެ އެވެ.

ޕްރިޒަވޭޓިވްސްއަކީ ތައްޔާރީ ކާނާ ނުބައި ނުވެ ގިނަ ދުވަހަށް ރައްކާ ކުރުމުގެ ގޮތުން ބޭނުން ކުރެވޭ މާއްދާތަކެކެވެ. އެގޮތުން އާއްމުކޮށް ބޭނުން ކުރެވޭ ސޮސެޖް ފަދަ ތައްޔާރީ އެއްގަމު މަހުގައި އެ މާއްދާ ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.