ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާ ގއ. އަތޮޅަށް ނިސްބަތްވާ ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓްތަކުގައި ފާއިތުވި ފަސް އަހަރު 300 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ.
އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ މާޗް މަހު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި އެވެ. އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.
"މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ޝެވޯނާ، ގއ.ވިލިނގިލި، ޝައްފާހު ލަތީފް (28އ) އާއި މިޔުޒިކީއާގެ، ގއ. ވިލިނގިލި، އަހްމަދު މަދީޙު (33އ) އާއި އައިޒަން، ގއ. ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) ގެ އިތުރުން އަރާއިރުގެ، ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.
އެ އެންމެން ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17.1 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 430,638.99 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
އަނާމްގެ ބޭންކް އެކައުންޓުތަކުގައި 38.8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާއިރު، ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 271،874.32 ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ޝައްފާހުގެ ބޭންކް އެކައުންޓުތަކުގައި ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާއިރު، ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 371،635.36 ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުފެއްދުންތެރިކަން އިތުރުކުރަން ފަސޭހަ ދެތިން އުކުޅެއް!
އަސްކަރީ ފިޔަވަޅާއެކު އީރާނުގެ މައްސަލައަށް އެމެރިކާއިން ވަންނަނީ
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!
