އަބޫދާބީ ފަންޑުން 100 މިލިއަނަށް ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާގޮތުގައި ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ނަމުގައި އެ ލޯނު ނެގުމުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ވަމުންނެވެ.

އަބޫދާބީ ފަންޑުން ނަގާ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ވަރަށް އަވަހަށް ޔޫއޭއީއަށް ފުރާވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

އެ ލޯނުގެ ސީދާ ޖުމްލަ އަދަދާއި އިންޓްރެސްޓް ރޭޓެއް އަދި ސާފެއްނުވެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ސަރުކާރުން ދައްކަންޖެހެ އެވެ.

އެމްޑީޕީ ސަރުކާރުން ލޯނު ނެގުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގަން ފަށާފަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ބަހާއި އަމަލާއި ދިމާނުވާކަން މިކަމުން ހާމަވެ އެވެ.