މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއަށް ވެސް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގެންދިޔަކަން އެނގިއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ބުނީ ރޭގެ ޖަލްސާއަށް އެ މީހުން ގެންދިޔުމަށް މަޖުބުރުކުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންގީ ރާއްޖޭގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްވީމަ ކޮންމެހެން ވެސް އެތަނަށް ދާންޖެހޭ ކަމަށް،" ކުންފުންޏެއްގެ މުވައްޒަފަކު ކިޔައިދިނެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާއަށް މުވައްޒަފުން ގެންދިޔަ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ ވެސް ހިމެނެ އެވެ.

މާލޭގެ ހުރިހާ ދާއިރާތަކަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ރޭގެ ޖަލްސާގައި ބައިވެރިވިޔަސް، އެއިން ކޮންމެ ކެންޑިޑޭޓަކާ އަޅައިބަލާއިރު، އެކަށީގެންވާ ސަޕޯޓަރުން ތިބި މަންޒަރެއް ނުފެނެ އެވެ.

މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލް ރޭގެ ޖަލްސާގައި ވިދާޅުވީ އިންތިހާބުވެއްޖެނަމަ އޭނާ މަސައްކަތް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.

"މިރޭ މާތްالله ގެ ހަޒުރަތުން ވާގި އެދިހުރެ، މާލެ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު މި ފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމު ބަލައިގެން ހުލްގުހެޔޮ ހީވާގި މޭޔަރަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިޔަވަޅުފުޅު މަތިން، އެ މަނިކުފާނު ހިންގެވި މަގު ހިޔާރުކޮށް އެ މަނިކުފާނުގެ ހިންމަތާއި ހިތްވަރު ނަމޫނާއަކަށް އަދި އިން ފާހަގައަކަށް ބަލައިގެން،" މޫސާ އަލީ ޖަލީލު ވިދާޅުވި އެވެ.