ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ ނޭވަލް ސަޕޯޓް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ މޮޔަ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ތާއީދުކުރެއްވި ނަމަވެސް، މި ފަހުން ޓްރަމްޕް ވަނީ އެ ވިސްނުން ބަދަލުކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތުން އެހާ މުހިންމު ތަނެއް ދޫކޮށްލުމަކީ މޮޔަ ކަމެއް ކަމަށެވެ.

ޗާގޯސް މައްސަލާގައި އެމެރިކާގެ "ނިއުސްވީކް" މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޑިއޭގޯ ގާސިއާގައި އޮންނަ ނޭވަލް ސަޕޯޓް ފެސިލިޓީގެ ބޭނުން ކުރައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވާކަން ހާމަވާ ކަމަށާއި ރާއްޖެއަށް ޗާގޯސްގެ މިލްކުވެރިކަން ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމެރިކާގެ "ނޭވަލް ސަޕޯޓް ފެސިލިޓީ ޑިއޭގޯ ގާސިއާ" ބޭސް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އިނގިރޭސިވިލާތުގެ މިލްކުވެރިކަމުގެ ދަށުގައި ޗާގޯސް އޮތްއިރު، އެ ގައުމާއި އެމެރިކާއާ ދެމެދުގައި އޮންނަ ސަލާމަތީ އަދި ދިފާއީ އެކި އެއްބަސްވުންތަކުގެ ދަށުން، ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކާ އެކު ވެސް ޑިއޭގޯ ގާސިއާ ބޭސް ބޭނުންކުރުމުގެ ފުރުސަތު އޮވޭ،" ރައީސް ވިދާޅުވި އެވެ.

"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުވެއްޖެ ނަމަ، މިހާރު އޮތް ހާލަތު (ސްޓޭޓަސް ކޯ) އެގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި ހުއްދަ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ޗާގޯސްއަކީ މިހާރު މީހުން ދިރިނޫޅޭ އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. މިއީ ޑިއޭގޯ ގާސިއާ ބޭހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭ ދެ ސަބަބު ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކަނޑުގެ އެތައް ހާސް މޭލެއްގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރުމާ އެކު، އަޅުގަނޑުމެންގެ އިގްތިސާދުގެ މައި ނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ކުދި ރަށްތައް ތަރައްގީކުރުމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު ތަޖުރިބާ ލިބިފައިވާ ގައުމު،" ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ މިހާރުގެ ބޯޑަރުގެ ތެރޭގައި ހިމެނޭ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި، އާބާދީ ނުބައްދަލު މިންވަރަށް އިތުރުކުރުމާއި ތިމާވެއްޓަށް ގެއްލުންވާ ފަދަ ތަރައްގީ ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ އެ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް. ޗާގޯސް ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖެހުނަސް އަޅުގަނޑުމެން އަމަލުކުރާނީ ހަމަ އެ އުސޫލުން."

ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް.ކޯ.ޔޫކޭ' ނޫހަށް މީގެ ކުރިން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ މެދުގައި ތާރީހީ ގޮތުން ފޯޅަވަހިީގެ ނަމުން މަޝްހޫރުވެފައިވާ ޗާގޯސްގެ މުސްތަގްބަލާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކު ރަސްމީކޮށް މުއާމަލާތްކޮށްފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު ދިނުމަށެވެ.

ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.

ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.

އެކަމަކު އަދި އަދަށް ދާންދެން ވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.