ސައުދީ އަރަބިއްޔާގައި ގެންގުޅޭ އެތައް މިލިއަން ޖަމަލުތަކެއް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ޖަމަލުތަކަށް ހާއްސަ ޕާސްޕޯޓެއް ދޫކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މި މަޝްރޫއަކީ އެ ގައުމުގެ ޖަމަލުތަކުގެ އާބާދީ ދެނެގަނެ، އެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސައުދީގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ވޯޓާ އެންޑް އެގްރިކަލްޗާ އިން ވަނީ ހާމަކޮށްފަ އެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ޕާސްޕޯޓަކީ ފެހި ކުލައިގެ ފޮތެކެވެ. އޭގައި ސައުދީގެ ރަސްމީ ނިޝާނުގެ އިތުރުން ރަނުގެ ކުލައިން ޖަމަލެއްގެ ކުރެހުން ހިމަނާފައިވެއެވެ. މިނިސްޓްރީން ބުނި ގޮތުގައި މި އިސްނެގުމުގެ ސަބަބުން ޖަމަލުގެ ސިނާއަތާ ގުޅޭ އިތުބާރު ހުރި ޑޭޓާބޭސްއެއް ގާއިމުކުރެވިގެންދާނެ އެވެ.

ސައުދީގެ ދައުލަތުގެ މީޑިއާ، އަލް އިޚްބާރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޕާސްޕޯޓުގެ ސަބަބުން ޖަމަލު ގަނެވިއްކުމާއި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ކަންކަން ރަސްމީ ލިޔެކިޔުންތަކާއެކު ތަރުތީބު ކުރެވިގެންދާނެއެވެ. މީގެ އިތުރުން މިއީ ޖަމަލުތަކުގެ ވެރިފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، މިލްކުވެރިކަން ސާބިތުކޮށްދިނުމަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސައުދީގައި 2.2 މިލިއަނަށްވުރެ ގިނަ ޖަމަލު އުޅޭ ކަމަށް ލަފާކުރެވެ އެވެ.

ސައުދީ އަރަބިއްޔާގައި ޖަމަލަކީ އިހުޒަމާނުން ފެށިގެން ދަތުރުފަތުރުގެ މުހިންމު ވަސީލަތެއްގެ އިތުރުން، މުޖުތަމައުގައި މީހާގެ ގަދަރު އަންގައިދޭ ރަމްޒެކެވެ. މިހާރު ޖަމަލު ގެންގުޅުމަކީ އެ ގައުމުގައި ވަރަށް ފައިދާހުރި ވިޔަފާރިއެކެވެ. ކޮންމެ އަހަރަކު ބާއްވާ ޖަމަލުގެ ރީތީގެ މުބާރާތްތަކުގައި ބައިވެރިވާ ޖަމަލުތަކަށް ސައުދީގެ މުއްސަނދިން އެތައް ލައްކަ ޑޮލަރެއް ހޭދަކުރެ އެވެ.

މިފަދަ މުބާރާތްތަކުގައި ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ޖަމަލުގެ ސިފަ ބަދަލުކުރުމަށް މަސައްކަތްކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. ޖަމަލުގެ ތުންފަތާއި ގޮންގަނޑުގެ ބައްޓަން ރީތިކުރުމަށް ކުރާ މިފަދަ ކަންކަމާ ދެކޮޅަށް ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ޖަމަލުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމެވެ.

ޖަމަލަކީ އަރަބި ކަރައިގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ޖަނަވާރެކެވެ. 2021 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި ސައުދީގެ ފަރުބަދަތަކުގައި ކަނޑައިނަގައިގެން ހަދާފައިވާ ޖަމަލުގެ ބުދުތަކަށް ގާތްގަނޑަކަށް 7،000 އަހަރު ވެދާނެ އެވެ.

މި އައު ޕާސްޕޯޓް ނިޒާމާއެކު، ސައުދީގެ ސަގާފީ އަދި އިގްތިސާދީ މި މުހިންމު ރަމްޒު ބެލެހެއްޓުން އައު ހަރުފަތަކަށް ޖެހިލާނެ އެވެ.