ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން މަސައްކަތްކުރަނީ ދެވަނަ ދައުރެއް "ވަލު ދޮރައަށިން" ހޯދަން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ތުހުމަތުކުރައްވައިފި އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓާ އެކު އެވެ. ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން އެކަންޏެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓު ނެގި ވަގުތު ތަޅުމުގައި ބައިވެރިވެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހެޅީ ޚަރަދު ކުޑަކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ.

"މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއީދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމާއި، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުތަކަކީ ރައީސް މުޙައްމަދު މުޢިއްޒު އެދިވަޑައިގެން ގެނައި ބަދަލުތަކެއް ކަމަށް ފައްޔާޒް ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިއީ "ޚުދުމުޚުތާރު ވެރިން ބާރުގައި ތިބުމަށް" ފަހިކޮށްދޭ އިސްލާހުތަކެއް ކަމަށާއި، މި ބަދަލުތަކަކީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ސަރުކާރާއި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ފިކުރަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތާ މެދު ވިސްނައި، ސަރުކާރުގެ މި ނިންމުމަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މިއަދުގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވެސް ވަނީ މި އިސްލާހަކީ 2028 ވަނަ އަހަރުގެ އިންތިޚާބު "ވަގަށް ނަގައި" ރައީސްގެ ދައުރު ދަންމާލުމަށް ކުރާ މަސައްކަތެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު އެވެ.