މީގެ ދިހަވަރަކަށް އަހަރު ކުރި އެވެ. ރޯދަ މަހަކީ ކުޑަ ކުދިންނަށް އަންނަ އީދެއް ފަދަ އެވެ. ބެލެނިވެރިންނާއެކު މިސްކިތަށް ދަނީ ދާހިތުންނެވެ. ކަރު ހިއްކިއަސް ރޯދަ އަށް ހުރެވޭތޯ މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ.
ވާނީ ވެސް އެހެންނެވެ. މިސްކިތުގެ ޖަމާއަތުގައި ބައިވެރިވާ ކޮންމެ ފަހަރަކު ފަސް ރުފިޔާއިން ނުވަތަ ދިހަ ރުފިޔާއިން ހަދިޔާ ލިބެ އެވެ. ކާމިޔާބުކަމާއެކު ރޯދަ އެއް ފުރިހަމަ ކުރާ ކޮންމެ ދުވަހަކު އާއިލާގެ ފަރާތުން އިނާމެއް ލިބެ އެވެ. ނަތީޖާއަކަށް ވަނީ އެ ކުދިންގެ މައުސޫމް ހިތްތަކުގައި ދީނަށް ލޯބި ޖެހުމެވެ. ރޯދަމަހުގެ އާދަކާދަތަކާއި ސަގާފަތް އެ ޅަ ސިކުނޑިތަކުގައި އަށަގަނެވުމެވެ.
އެއްވެސް ހާލެއްގައި މި ދަންނަވަނީ އަޅުކަމަކީ ފައިސާ ނުވަތަ އެހެނިހެން އެއްޗިއްސަށް ހައްލާލައިގެން ކުރުވަން ޖެހޭ ކަމެއް ކަމަކަށް ނޫނެވެ. ނަމަވެސް މި ކަމަކީ އެކުދިންގެ ހިތްވަރަށް ސާބަސް ދިނުމުގެ ގޮތުން ކޮށްލުން ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެއީ ރޯދައިގެ އަޅުކަންތަކުގައި ބައިވެރި ވުމަށް ލިބޭ ހިތްވަރަކަށް ވާނެ އެވެ.
ނަމަވެސް މިއީ އަހަރުތަކެއް ކުރީގެ ވާހަކަ އެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މި އާދަވެސް އަޅުގަނޑުމެންގެ ތެރޭގައި ދަނީ ފަނޑުވެ ނެތެމުންނެވެ. ކުޑަ ކުދިންނަށް ހަދިޔާ ބަދަލުކުރުން ވެފައިވަނީ އެކަމަކާ ދުރުވެވޭ ކަމަކަށެވެ. މަދުން ނޫނީ ނުފެންނަ ތަދު ކަމަކަށެވެ.
މިކަން ބަދަލު ކުރަމާ ހިނގާށެވެ. ހަދިޔާ ބަދަލުކުރުގެ ރީތި އާދަ ހިފަހައްޓަމާ ހިނގާށެވެ. މިއަދުގެ ކުޑަކުދިންގެ ރޯދަމަހުގެ މި ސަގާފަތް ދައްކުވައިދެމާ ހިނގާށެވެ.