ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް ކެންޑިޑެސީ އެއްގެ މައްސަލައެއްގައި ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް ކެންޑިޑެސީގެ ދެ މައްސަލައެއް ކޯޓު މަރުހަލާއަށް ދިޔަ އެވެ. ކެންޑިޑެސީއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ ހަމައަށް ދިޔަ ދެ މައްސަލައަކީ ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުލްމަޖީދު، ރިނދަލިގެ/ގުރައިދޫ، ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލަ އަކާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައެ އެވެ.

އެ ދެ މައްސަލަ ކޯޓު މަރުހަލާގައި އޮތްއިރު، އެ މައްސަލައާއި ގުޅިގެން ކ. ގުރައިދޫ އާއި ކ. ތުލުސްދޫގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުލާފައެއް ނުވެ އެވެ. އެހެން ހުރިހާ ރަށެއްގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ގުރުއަތުން ކަނޑައަޅައި މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނިންމީ ކ. ތުލުސްދޫގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށާއި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި އަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.

ސޫޒަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ އީސީން ކެންޑިޑެސީ ބަލައިނުގަތީ ފިނޭންސް މިނިސްޓްރީއަށް 12،000ރ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ދެއްކިކަން އަންގައިދޭ މިނިސްޓްރީގެ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށެވެ.

ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކިކަމާއި ދަރަަނީގެ ރެކޯޑު ސާފުވެފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިން ލިޔުންތަކުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ. އަދި އޭގެ އިތުރުން ޑީޖޭއޭ އިން ސާފުކޮށްދީފައިވާ ރެކޯޑާ އެކު ސޫޒަން 2021ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފައި ވެސް ވާކަމަށް އެ ހުކުމްގައިވެ އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި އަބްދުލްމަޖީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރީ، މުޅި އުމުރު ދުވަހުގެ ދަރަނީގެ ރެކޯޑު އޭނާ ހުށަހަޅާފައިނެތްކަން އެނގޭ އިރު، އިންތިހާބަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށެވެ.