އެމެރިކާގައި ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން އާއްމު ދިިރިއުޅުމުގައި ކުރާ ހަރަކާތްތަކުގައި މާސްކް ނާޅާ އުޅެވޭގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ވެކްސިން ނުޖަހާ ތިބި މީހުންނަށް ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލަމުން ރައީސް ޖޯ ބައިޑަން އާއި ސިއްހީ އިދާރާތަކުން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވީ ނަމަވެސް އާއްމު ތަންތަނުގަ އާއި މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން އަދިވެސް ކުރިއަށްދާނެ ކަމަށެވެ.
ކޮވިޑް-19ގެ އާ އުސޫލުތަކާއި ގަވާއިދުތައް ނެރެފައި މިވަނީ އެމެރިކާގެ އުޅޭ 18 އަހަރުން މަތީގެ އާބާދީގެ ދެބައިކުޅަ އެއްބައި ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް އެ ގައުމުގެ ސެންޓަ ފޯ ޑިޒީސް ކޮށްޓްރޯލް (ސީޑީސީ)ން ބުނެ އެވެ.
ރައީސް ބައިޑަން ވިދާޅުވީ މިއީ އެ ގައުމުގައި ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ސިއްހީ ދާއިރާގެ އެންގުންތަކަށް ކިޔަމަންތެރިވެ، އެއްބާރުލުން ދޭނަމަ އިތުރު ލުއިތައް ދެވޭނެ ކަމަށެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ހެދުނު ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ 140 މިލިއަން މީހުންނަށް ވެކްސިންގެ އެއް ޑޯޒު ދީފައިވާއިރު އެއީ އެ ގައުމުގެ އާބާދީގެ 29 ޕަސެންޓް މީހުންނެވެ.
ހަމަ އެހަފުތާގައި އެ ގައުމުގައި ފެންނަ އާ ކޮވިޑް ކޭސްތައް ބޮޑުތަނުން ދަށްވެފައިވާއިރު ހިސާބުތައް ދައްކާގޮތުން ނަމަ އެއީ 16 ޕަސެންޓްގެ ދަށްވުމެކެވެ.
ސީޑީސީން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެކި ގޭބިސީތައް ހިމެނޭ ގޮތަށް އެއްވުންތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަދީފަ އެވެ.
އެމެރިކާގައި މިހާތަނަށް 32 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ އަދަދެވެ. ނަމަވެސް ފާއިތުވި މަސްދުވަހު ތެރޭގައި އެމެރިކާގައި ކޮވިޑްގެ ހާލަތު ވަނީ ރަނގަޅުވާން ފަށައިފަ އެވެ.