ސަރުކާރުން ވެފައިވާ މި ވައުދަކީ ހަގީގަތުގައި ވެސް ވަރަށް ފޮނި އަދި ހިތްދަމައިގަންނަ ވައުދެކެވެ. ކޮންމެ އަހަރަކު އަމިއްލަ އެކައުންޓަށް އިތުރު 400 ޑޮލަރު ވަންނަން ނޭދޭނީ ކާކު ހެއްޔެވެ؟ ފަސް މީހުންގެ އާއިލާއަކަށް ބަލާނަމަ އެއީ 2000 ޑޮލަރެވެ. ޑޮލަރުގެ ތަދާއި، ދިރިއުޅުމުގެ ހަރަދު އިންތިހާއަށް އުފުލިފައިވާ އިގްތިސާދެއްގައި މިއީ ވަރަށް ބޮޑު އަދަދެކެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ސަރުކާރުން 10 ރިސޯޓު ބިނާކޮށް އޭގެ ފައިދާ ސީދާ ރައްޔިތުންނަށް ބަހާލަން ހުށަހެޅުއްވުމުން، އެއީ ގައުމުގެ އެންމެ އަގުބޮޑު ގުދުރަތީ ވަސީލަތުން ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް މަންފާ ލިބޭނެ ގޮތް ކަމަށް ހީވެދާނެ އެވެ.
ނަމަވެސް، ކަނޑުގެ އޮއިވަރު ފަދައިން، އިގްތިސާދުގެ އެންމެ ނުރައްކާތެރި އޮއިވަރުތައް ވެސް ގިނަ ފަހަރަށް އޮންނަނީ އޮމާން ބޭރުފުށެއްގެ އަޑީގައި ފޮރުވިފަ އެވެ. މި ހުށަހެޅުމަކީ ސިޔާސީ ގޮތުން ރީތި ހުށަހެޅުމަކަށް ވިޔަސް، އަމަލީ ގޮތުން މިއީ ޒަހަރެކެވެ. މިއީ ސަރުކާރުތައް ހިންގާ ގޮތާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތާއި، އަދި އެންމެ މުހިންމުކޮށް ރާއްޖޭގެ މިހާރުގެ ނާޒުކު މާލީ ހާލަތު އޮތް ގޮތުން ކުރުން އެންމެ ނުރައްކާތެރި ކަމެވެ. ހޮޓާ ހިންގާ މީހަކަށް ވެގެން، ދަރަނި ނަގައިގެން ގައުމު މުއްސަނދި ކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ހަމައެކަނި ކުލަ ހުވަފެނެއް ދެކުމެއް ނޫނެވެ. އެއީ ގައުމުގެ އިގްތިސާދީ ނާ ބަނޑުންޖަހާލައި، އެހީތެރިވާން ބުނާ ރައްޔިތުން އިތުރަށް ހާލުގައި ޖައްސާނެ ކަމެކެވެ.
މޮޅަށް ހިންގާ ދައުލަތުގެ ކުށްހީ
މި ހުށަހެޅުމުގައި އޮތް އެންމެ ބޮޑު ގޯހަކީ، އަމިއްލަ ވިޔަފާރިވެރިންނާ ވާދަކޮށް، ރައްޔިތުންނަށް ބަހާނެ ފައިދާއެއް ނެރެވޭ ވަރަށް ސަރުކާރަށް ލަގްޒަރީ ރިސޯޓު ހިންގިދާނެ ކަމަށް ގަބޫލުކުރުމެވެ. ތާރީޚާއި ބައިނަލްއަގުވާމީ ތަޖުރިބާތަކުން ފެންނަނީ މީގެ އިދިކޮޅެވެ. ދައުލަތުގެ ކުންފުނިތަކަކީ އަމިއްލަ ކުންފުނިތަކާ އަޅާކިޔާއިރު އަބަދުވެސް ހިންގުންތެރިކަން ދަށް ބައެކެވެ. އިދާރީ ލަސްކަމާއި، ވަޒީފާ ދިނުމުގައި އޮންނަ ސިޔާސީ ނުފޫޒާއި، އަދި ފަތުރުވެރިކަމުގެ މި ހަރުކަށި ބާޒާރުގައި ބޭނުންވާ ފަދަ ހަލުވި ބަދަލުތައް ގެނައުމުގެ ގާބިލިއްޔަތު ދައުލަތުގެ ކުންފުނިތަކުގައި ނުހުރެ އެވެ.
ދެންނެވުނު ކަމުގެ ހެކި ހޯދަން ވެނެޒުއޭލާއަށް ނުވަތަ ސޯވިއެޓް ޔޫނިއަނަށް ބަލާކަށް ނުޖެހެ އެވެ. އަޅުގަނޑުމެންގެ އަމިއްލަ ގޭތެރެއިން އެކަން ފެންނަން އެބައޮތެވެ. އެމްޓީޑީސީ އުފެއްދީ ވެސް ހަމަ މިފަދަ އުންމީދުތަކާ އެކުގަ އެވެ. ނަމަވެސް، އަމިއްލަ ވިޔަފާރިވެރިން ހަމަ މި ދޮންވެއްޔާއި ނޫކަނޑުން ބޮޑެތި ކާމިޔާބީތައް ހޯދިއިރު، ދައުލަތުގެ ކުންފުންޏަށް ޖެހުނީ ގިނަ އަހަރުތަކެއް ވަންދެން ފައިދާއެއް ނުލިބި އެތަކެއް އަހަރެއް ބަރުދާސްތު ކުރާށެވެ. ސަރުކާރުން ރިސޯޓެއް ހިންގާއިރު، ނިންމުންތައް ނިންމަނީ ސިޔާސީ މަންފާއަށެވެ. އެންމެ ގާބިލު މީހާގެ ބަދަލުގައި ސިޔާސީ މީހާގެ ތާއީދު އޮތް މީހާއަށް ވަޒީފާ ދިނުމާއި، ބަޖެޓުގެ ތާށިކަމުން މަރާމާތުތައް ލަސްވުމަކީ މީގެ ނަތީޖާ އެވެ. ފުރިހަމަ ހިދުމަތަކީ މައިގަނޑު އުފެއްދުމަށް ވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގައި، މިފަދަ ދޯހަޅި އުސޫލުތަކަކީ ބޮޑު ނާކާމިޔާބީއަކަށް ވާނޭ ކަމެކެވެ.
ސަރުކާރުން 10 ރިސޯޓު އެޅުމަކީ "ފޫނެތް ފުރޭންޏަކުން ފެން ނެގުން" ފަދަ ކަމެކެވެ. ހިންގުމުގެ ހަރަދާއި، ދަރަނި ދެއްކުމާއި، އަދި އިހުމާލުތަކަށް ފަހު، އެ ބުނާ 400 ޑޮލަރުގެ ފައިދާކޮޅު ފެނަށްވެ، ރައްޔިތުންގެ ބޮލުގައި އެޅޭނީ ރިސޯޓު އަޅަން ނެގި ބޮޑު ލޯނުގެ ބިލެވެ.
މި މޯގޭޖް ދެއްކޭނެ ތަނަވަސްކަމެއް ނެތް
ދެން އޮތީ އެންމެ ބޮޑު ނުރައްކަލެވެ. އެއީ މީގެ އަގެވެ. ފަސް ތަރީގެ 10 ރިސޯޓު އެޅުމަކީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެކެވެ. ރާއްޖެ މިއަދު މިއޮތީ ދަރަނީގެ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. ފިޗް އަދި މޫޑީޒް ފަދަ އިދާރާތަކުން ރާއްޖޭގެ ރޭޓިން ވަނީ އެންމެ ނާޒުކު ރޭޓިންއަށް ތިރިކޮށްފަ އެވެ. މީގެ މާނައަކީ ހެޔޮ އަގުގައި ލޯނު ހޯދުމުގެ ދޮރު ރާއްޖެއަށް ވަނީ ބަންދުވެފަ އެވެ. މިހާރު ހުރި ދަރަނިތަކާއި ސުކޫކްތައް ދެއްކުމަށް ވެސް މިދަނީ ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.
މި ރިސޯޓުތަކަށް ފައިސާ ހޯދަން ސަރުކާރަށް ޖެހޭނީ ބޮޑު އިންޓްރެސްޓްގައި ލޯނު ނަގާށެވެ. ނޫނީ ފައިސާ ޗާޕުކުރާށެވެ. ލޯނު ނަގައިފިނަމަ، އަޅުގަނޑުމެން މި ރަހުނުކުރަނީ ދަރިންގެ މުސްތަގުބަލެވެ. ފައިސާ ޗާޕުކޮށްފިނަމަ، އިންފްލޭޝަން ގެ ސަބަބުން މިހާރު ވެސް މަތިވަމުންދާ ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، އަތުގައި ހުރި ރުފިޔާގެ އަގު ވެއްޓޭނެ އެވެ. ސަރުކާރުން އެއް އަތުން 400 ޑޮލަރު ދޭއިރު، އަނެއް އަތުން ކާބޯތަކެއްޗާއި ތެލުގެ އަގުބޮޑުކޮށް 600 ޑޮލަރު އަތުލާނެ އެވެ. މިއީ ހަރުދަނާ އިގްތިސާދީ ބިންގަލެއް ނެތް އިގްތިސާދު ސިޔާސީ ކުރުމުން ލިބޭނެ ހިތި ނަތީޖާ އެވެ. ގޯސް އިގްތިސާދީ ނިންމުންތަކުގެ ބުރަ އަބަދުވެސް އުފުލަން ޖެހެނީ ނިކަމެތި ރައްޔިތުންނަށެވެ.
ވިޔަފާރިވެރިންނަށް އޮތް ނުރައްކާ
މި ހުށަހެޅުމުގެ އެންމެ ހިތާމަވެރި ކަމަކީ، މިއީ ރާއްޖޭގެ އިގްތިސާދުގެ ހަގީގީ އިންޖީނު ކަމަށްވާ އަމިއްލަ ވިޔަފާރިވެރިންނާ ކުރެވޭ ވާދައަކަށް ވުމެވެ. ސަރުކާރުން ރިސޯޓު އަޅަން ނަގާ ކޮންމެ ޑޮލަރަކީ، އަމިއްލަ ދިވެއްސަކަށް ގެސްޓްހައުސްއެއް ނުވަތަ ކެފޭއެއް ހުޅުވަން ލިބެން އޮތް ފުރުސަތެއް ގެއްލުމެވެ. ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަދެ، އަމިއްލަ މީހުންނަށް ނުލިބޭ ފަދަ އިނާޔަތްތަކާއި ފަޅުތައް އަމިއްލައަށް ނެގުމުން ބާޒާރުގެ ހަމަހަމަކަން ގެއްލެ އެވެ. މީގެ ސަބަބުން ދިވެހިންނަކީ ސިނާއަތުގެ ވެރިންނަށް ވުމުގެ ބަދަލުގައި، ސަރުކާރުން ދޭ ސަދަގާތަކަށް އިންތިޒާރުކުރާ ބަޔަކަށް ބަދަލުވެގެންދެ އެވެ.
ހައްލަކީ ހަދިޔާ ދިނުމުގެ ބަދަލުގައި ހަރުދަނާ ސިޔާސަތު އެކުލަވާލުން
އަޅުގަނޑުމެން ބޭނުންވަނީ ދިވެހިންގެ ގާބިލިއްޔަތަށް އިހުތިރާމްކުރާ ރޭވެންތެރިކަމެކެވެ. އަމާޒަކަށް ވާންޖެހޭނީ މަހެއް ދިނުމެއް ނޫނެވެ، މަސް ބޭނޭނެ މަގު ކޮށައިދިނުމެވެ. ހަރުދަނާ އިގްތިސާދެއް ދައުލަތުން ބިނާކުރަން ބޭނުންނަމަ ސިޔާސަތު ބިނާވާނީ މައިގަނޑު ތިން ތަނބެއްގެ މައްޗަށެވެ:
1. މާލީ އިސްލާހު:
އިތުރު ބައިތަކެއް އިމާރާތްކުރުމުގެ ކުރިން، ފުރާޅުން އޮހޭ ފެން ހުއްޓުވަންޖެހެ އެވެ. ސަރުކާރުގެ ވަސީލަތްތައް ހުސްކުރަންވީ ސިއްހަތާއި، ތައުލީމާއި، އަސާސީ ހިދުމަތްތަކަށެވެ. ވިޔަފާރި ކުރުމަށް ސަރުކާރުގެ ކުންފުނިތަކަށް އެތައް ގުނައަކުން މުވައްޒަފުން ވައްދާ އެމީހުންގެ މުސާރައަށް ފައިސާ ހުސްކުރާއިރު ވަކި ލިބޭ މާ މޮޅު ހިދުމަތެއް ނެތެވެ. އަދި އެންމެފަހުން ކޮންމެ އަހަރަކު އަނެއްކާ ވެސް ދޭންޖެހެނީ އެކުންފުނިތައް ދަމަހައްޓަން ރައްޔިތުންގެ ފައިސާއިން ސަބްސިޑީ އެވެ.
2. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުން:
10 ބިޔަ ރިސޯޓު އެޅުމުގެ ބަދަލުގައި، ގެސްޓްހައުސްތަކާއި ސަފާރީތަކަށް އޮތް އިންޓްރެސްޓް ރޭޓް ކުޑަކޮށް، ރޯނު އެދުރު އުސޫލުތައް ނައްތާލާށެވެ. 1000 ދިވެހި އާއިލާއަކީ އަމިއްލަ ވިޔަފާރީގެ ވެރިންނަށް ހަދާށެވެ. ދައުލަތަށް އޭރުން ޓެކްސް ލިބޭ ވަރު އިތުރުވެ، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުވާނެ އެވެ.
3. ސޮވެރިން ވެލްތު ފަންޑު:
މުއްސަނދިކަން ބަހަން ބޭނުންނަމަ، މިހާރު ހިނގަމުންދާ ފަތުރުވެރިކަމުގެ ދާއިރާއިން އިންސާފުވެރިކޮށް ޓެކްސް ނަގައި، އެ ފައިސާ ނޯވޭ ނުވަތަ ސިންގަޕޫރު ފަދައިން ސޮވެރިން ވެލްތު ފަންޑެއްގައި ރައްކާކޮށް އިންވެސްޓް ކުރާށެވެ. އާންމު ފައިސާއިން ރިސޯޓު އެޅުމުގެ ނުރައްކާ ނެގުމުގެ ބަދަލުގައި މިފަދަ ފަންޑަކުން ޓޫރިޒަމް ސިނާއަތުގެ ކާމިޔާބު އަމިއްލަ ކުންފުނިތަކުގައި ރަނގަޅު ގޮތުގައި އިންވެސްޓް ކުރާށެވެ.
ދިވެހިރާއްޖެ މިއޮތީ ދެކަފި މަގެއްގެ މަތީގަ އެވެ. އަޅުގަނޑުމެންނަށް އިހުތިޔާރު ކުރެވިދާނެ އެއް މަގަކީ ހިތި ނަމަވެސް ހަގީގަތާ ކުރިމަތިލައި، އޮނިގަނޑު އިސްލާހުކޮށް މިނިވަންކަން ހޯދުމެވެ. އަނެއް މަގަކީ ޑޮލަރު ޖީބަށް ލާދޭ ސިޔާސަތެއް ފެށުމެވެ. މިއީ ހުވަފެނެއް ފަދަ ކަމަކަށް ވިޔަސް، މީގެ ނިމުމަކީ ގައުމުގެ ސިޔާދަތު ވިއްކާލަން ޖެހުމެވެ.
ސަރުކާރުގެ މަސައްކަތަކީ ރިސޯޓު ހިންގުމެއް ނޫނެވެ. ސަރުކާރުގެ މަސައްކަތަކީ ގައުމު ހިންގުމެވެ. ހޮޓާ ހިންގަން ހޮޓާ ހިންގާ މީހުންނަށް ދޫކޮށްލާށެވެ. ސަރުކާރުން ކުރަންވީ ކަމަކީ އަޅުގަނޑުމެން އެންމެންނަށް ކުރިއެރުން ލިބޭނެ ފަދަ ހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުމެވެ. ހަގީގީ މަންފާއަކީ އެއީ އެވެ.

ރޯދަ މަހުގެ ހަވީރު ބުރު: މަގުމަތީގެ ބޮޑު ތަކުލީފަކަށް
މެލޭޝިޔާގެ ސަބާހްގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް
