ފާއިތުވި 25 ވަރަކަށް އަހަރު ބަންގްލަދޭޝްގައި އޮތީ މައިގަނޑު ދެ ޕާޓީއެއްގެ ކޯޅުމުގެ މައްޗަށް ބިނާވެފައި އޮތް ވެރިކަމެކެވެ. ޝައިޚު ޚަސީނާ ވާޖިދު އާއި ޚާލިދާ ޒިޔާގެ ތޮޅުމެވެ. އެއްފަހަރު ވެރިކަމުގައި އަނެއްފަހަރު ޖަލުގައި މި ދެބޭފުޅުންގެ މެދުގައި ބަދަލުވަމުން އައި ވެރިކަމުގެ ސިލްސިލާއަށް ނިމުމެއް އައީ ކަމަށް ބެލެވުނީ ފާއިތުވި އަހަރު އެ ގައުމުގެ ކިޔަވާ ކުދިން އިސްވެ ފެށި އިހުތިޖާޖުގެ ތެރެއިން ޝޭޚް ހަސީނާގެ ސަރުކާރު ވެއްޓުމުންނެވެ. ކިޔަވާ ކުދިން ބޭނުންވީ ވެރިކަމުގެ ނިޒާމު ބަދަލުކުރާށެވެ. އާއިލީ ބާރާއި ޖާހުގައި ދެމިގެންދިޔަ ވެރިކަމުގެ ސިލްސިލާއަށް ނިމުމެއް އަންނާށެވެ. ގައުމުގައި މޫލާފައި ހުރި ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްވެ، އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ރައްޔިތުންނަށް ބާރު އޮންނަ ފަދަ ވެރިކަމަކަށެވެ. ކިޔަވާ ކުދިންގެ ހަޅުތާލާއި އިހުތިޖާޖުތަކުގައި އެތައް ބައެއްގެ ގުރުބާނީ އާއި އޮހޮރުނު ލެއާއެކު ހަސީނާގެ ވެރިކަން ވެރިކަން ވެއްޓުނު ހިނދު ގައުމުގެ ހިންގުމުގެ ނިޒާމަށް ޒުވާނުން ބޭނުންވި ފަދަ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އާލާވި ކަމަށް ވިޔަސް އާ އިންތިޚާބުން ނިކުތީ ކިޔަވާ ކުދިން ބޭނުންވި ނަތީޖާ ބާވަ އެވެ. ނޫނީ ތާރީޚުގެ ގެތެމުން އައި ސިލްސިލާއަށް ބޮޅެއް އިތުރުވީ ބާވަ އެވެ.

ރިފޯމަށް ހުޅުވުނު ދޮރު

ކިޔަވާ ކުދިންގެ އިހުތިޖާޖުތަކާއެކު ޝޭޚް ހަސީނާގެ ވެރިކަން ވެއްޓުމުން އެ ގައުމުގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނެވިދާނެ ކަމުގެ އުންމީދު އާވި އެވެ. އާއިލީ ނުފޫޒުން ބޭރުވެ މިނިވަން އިންތިޚާބެއްގައި ވާދަކޮށް ރައްޔިތުންގެ ތެރެއިން ހޮވޭ ގާބިލު ބަޔަކަށް ވެރިކަން ލިބިދާނެ ކަމަށް ބެލެވުނެވެ. އަދުލު އިންސާފުގެ ނިޒާމު މިނިވަންވެ ޒަމާނީ ބަދަލުތަކަށް އުންމީދު ކުރެވުނެވެ.

އެ އުންމީދުތަކަށް އިތުރު ދިރުމެއް އައީ އިކޮނޮމިސްޓެއް ކަމަށްވާ މުހައްމަދު ޔޫނުސް ވަގުތީ ގޮތުން ގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުންނެވެ. ޔޫނުސަކީ ދުނިޔޭގެ ފެންވަރުގައި އިހުތިރާމް ލިބިވަޑައިގެންފައިވާ އިގްތިސާދީ މާހިރެކެވެ. ނޯބަލް ޕްރައިސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމަށް ބޭނުންވި ހިނދު ވަފާތެރިކަމާ އެކު ޚިދުމަތްކޮށް ދެއްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ބޭފުޅެކެވެ. އެ އުންމީދާއި އިތުބާރާ އެކު ރައްޔިތުން ހަވާލުކުރި ޒިންމާ ކިތަންމެ ފުރިހަމަކޮށް އަދާ ކުރައްވަން އުޅުއްވި ކަމަށް ވިޔަސް ބަނގްލަދޭޝްގައި އެތައް ޒަމާނެއް ވަންދެން އުފެދި ހަރުލާފައި އޮތް ދެއާއިލާގެ ނުފޫޒުން ގައުމު ސަލާމަތް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި ކޮރަޕްޓް މަހުޖަނުންގެ އަތް ދަށުން ގައުމު ސަލާމަތް ކުރުމަކީ ދަތި ކަމަކަށްވި އެވެ.

ގައުމުގެ ހިންގުމަށް އިސްލާހީ ބަދަލުތަކެއް ގެންނަވަން ޔޫނުސް ކުރެއްވި މަސައްކަތްޕުޅާ އެކު ބޭއްވި އާންމު އިންތިޚާބު ނިމުނުއިރު ހަގީގީ ބަދަލެއް އައިސްފި ބާވައޭ ސުވާލުކުރާ މީހުން ގިނަ އެވެ. ބައެއް މީހުންގެ ނަޒަރުގައި އިންތިޚާބުގެ ނަތީޖާއިން ބަދަލުވީ ވެރިކަމުގެ މޫނު މައްޗެވެ. އާއިލީ ވިރާސީ ވެރިކަމުގެ ކުލައެއް ފަނޑެއް ނުވި އެވެ.

އާ ބޮޑުވަޒީރު ތޯރިގު ރަހުމާން

ބަނގްލަދޭޝްގެ އާންމު އިންތިޚާބު ކާމިޔާބު ކުރީ ބަނގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިންނެވެ. ޕާޓީގެ ލީޑަރަކީ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ފިރިހެން ދަރިކަލުން ތާރިގް ރަހްމާން އެވެ. ތާރިގް ރަހްމާންގެ ޕާޓީ އިލެކްޝަން ކާމިޔާބު ކުރިއިރު ވެރިކަމުން ދުރު ކުރެވުނު ޝޭޚް ހަސީނާގެ އަވާމީ ލީގު އޮތީ އިލެކްޝަންގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ. އެހެންކަމުން މިނިވަން އިންތިޚާބެކޭ ބުނި ކަމަށް ވިޔަސް އިދިކޮޅަށް ވާދަކުރުމުގެ ފުރުސަތު ނުލިބުމުން އިންތިޚާބު އޮތީ ވަކި ކޮޅަކަށް ޖެހިފަ އެވެ.

އަލަށް ހޮވި ވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަހްމާނަކީ އޭނާގެ އަމިއްލަ އިލްމާއި ހުނަރާއި ތަޖުރިބާގެ އަލީގައި މަޝްހޫރުކަން ލިބިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ތާރިގްގެ މަންމަ ޚާލިދާއަކީ އެތައް ފަހަރަކު ވެރިކަން ކުރެއްވި ލީޑަރެކެވެ. ކާފަ ޒިޔާއުއް ރަހުމާނަކީ ވެސް ގައުމުގެ ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ތާރިގްގެ ކާމިޔާބަކީ އާއިލީ ވެރިކަމުގެ ތެރެއިން ލިބިވަޑައިގެންނެވި މަޝްހޫރު ކަމެކެވެ.

ކިޔަވާ ކުދިންގެ އުންމީދު

ޝޭޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް ކިޔަވާ ކުދިން ނުކުތީ ވެރިކަމުގެ ނިޒާމަށް ރިފޯމް ބޭނުންވާތީ އެވެ. އެންމެ މުހިންމު ކަމެއް ކަމަށް އެ މީހުން އަޑު އުފުލީ ތައުލީމާއި ތަޖުރިބާ އިން މިނެފައި މަގާމުތަކަށް މީހުން އައްޔަން ކުރުމެވެ.

ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ގޮވާލައި ކިޔަވާ ކުދިން އިތިޖާޖުކޮށް ވެރިކަން ބަދަލުކުރި ކަމަށް ވިޔަސް އާ ސަރުކާރުން އެފަދަ މުހިންމު ބަދަލުތަކެއް ގެންނާނެތޯ ކުރެވޭ ސުވާލަށް މިވަގުތު އޮތީ ދެ އަތަށް ކިރޭ ފަދަ ޖަވާބެކެވެ. ޚުދު ތާރިގަކީ ވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން އެހާ ފުންނާބު އުސް ބޭފުޅެއް ނޫނެވެ. ނިންމެވީ ސެކަންޑަރީ ތައުލީމެވެ. ޔުނިވާސިޓީއަށް ވަދެވަޑައިގެންނެވި ކަމަށް ވިޔަސް ކިޔެވުން ކުރިޔަކަށް ނުގެންދަވަ އެވެ. ސިޔާސީ ގޮތުން ލިބިވަޑައިގެންނެވީ މަންމާފުޅުގެ ޕާޓީގެ ތެރެއިން ލިބިވަޑައިގެންނެވި އާރާއި ބާރެވެ.

ވާރުތަވެފައި އޮތް ސިޔާސީ މަޝްހޫރު ކަމެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންވި ތާރިގަށް މިއަދު ޖެހިވަޑައިގެންފައި ވަނީ ރިފޯމަށް މަސައްކަތް ކުރި ކިޔަވާ ކުދިންގެ އުންމީދުތައް ހާސިލް ކޮށްދެއްވުމުގެ މަސައްކަތް ކުރައްވާށެވެ.

ތަޖުރިބާކާރުން ބުރަވާ ގޮތުގައި ވެރިކަމުގެ މޫނި މަތި ބަދަލު ވިޔަސް ހަގީގީ ބަދަލެއް ގައުމަށް އައި ކަމަކަށް ނުފެނެ އެވެ. ކުރިޔަށް ދާނީ ހަސީނާ އާއި ޚާލިދާގެ ވާދަވެރިކަމެވެ. އެ މާހައުލުގައި އެކަށީގެންވާ ހަލުއި މިނެއްގައި ބޮޑެތި ބަދަލުތަކެއް ނުގެސް ދެވިއްޖެ ނަމަ ބަނގްލަދޭޝްގެ ކިޔަވާ ކުދިން ކުރި އިހުތިޖާޖު ވެއްޔާ މޮޑެވިގެން ހިނގައިދާނެ އެވެ. އެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.