ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފަމުން އަންނަ ލޮބުވެތި މުސްލިމުންނޭވެ! ކުރިޔަށް އޮތީ ފިހުދިހައިގެ ރޭތަކެވެ، ކަމަރު ބަންނާށެވެ! ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސް ތަކާއި ރޭތަތަކީ މަދު ވަގުތު ކޮޅެކެވެ. އެހެނަސް އެއީ އަޖުރުގެ ޚަޒާނާ ފުރާލަން ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެކެވެ.
މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިރުތު މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَر رواه البخاري (2024)، ومسلم (1174) ރަމަޟާން މަހުގެ ފަހުދިހަޔާ ބައްދަލުވާ ހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަށް ދިރުއްވާއި ރޭއަޅުކަމުގައި އިތުރަށް ހީވާގި ވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައި އަޅުކަމުގައި މަޝްޣޫލު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށް އައްސަވައިލައްވައެވެ."
މި ޙަދީޘްފުޅާ މެދު ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަކުގައި، އޭގެ ކުރީ 20 ދުވަހަށް ވުރެ ބޮޑަށް އަޅުކަމުގެ ކަންކަމައިގެން އުޅުއްވައެވެ. އެކަލޭގެފާނުގެ ޞަޙާބީންގެ އަމަލުފުޅުތައް ވެސް ހަމަ އެފަދައެވެ. އަދި މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ކިބައިން ވެސް ފަންނަން އޮތީ އެ ނަމޫނާއެވެ. އެ 10 ދުވަހު އެކިއެކި އަޅުކަމުގައި މުރާލިކަމާއެކު މަސައްކަތްޕުޅު ކުރައްވައެވެ."
ދެން އޮތީ އަޅުގަނޑުމެންގެ ވާހަކައެވެ. އަނެއްކާ ވެސް ރަމަޟާން މަހެއްގެ ފަހުދިހައަކާ ބައްދަލުވާއިރު ވާންޖެހޭ ނަފްސުގެ ތައްޔާރީގެ ވާހަކައެވެ. މީގެ ކުރީ އަހަރުތަކުގައި މި ދުވަސްތައް ހޭދަވީ ކިހިނެތްތޯ ބަލައި، މި އަހަރުގެ މި ފުރުޞަތު، ފުރިހަމައަށް ޣަނީމާ ކުރެވޭނެ ގޮތްތައް ހޯދުމެވެ. މަތީގައި ބަޔާންވެގެން އެދިޔަ ފަދައިން އެ ދިހަ ދުވަހު އަޅުކަމުގައި ހީވާގިވާން އެދޭނަމަ، ކަމަރު ބަންނަންވީ މިއަދުއެވެ. ނަމާދުތަކާއެކު، ސުންނަތް ނަމާދުތަކަށް ވަގުތު ހުސްކުރާށެވެ. ޤުރްއާން ކިޔެވުމުގައި ހީވާގިވާށެވެ! ﷲ ދެއްވި މުދަލުން ހޭދަކުރުމަކީ އާދައެއްކަމުގައި ހަދާށެވެ.
ފަހު ދިހައިގެ ރޭތަކުގެ އެންމެ މުހިއްމު އެއް ކަމަކީ ރޭއަޅުކަމެވެ. ތަހައްޖުދު ނަމާދެވެ. ނުވަތަ ޤިޔާމުއްލައިލިއެވެ. ރަމަޞާން މަހުގެ ރޭތަކުގައި ދަރުމަޔާއި ޘަވާބަށް އެދި ރޭއަޅުކަން ކުރާނަމަ އެ މީހެއްގެ ފާފަ ފުއްސަވާނެކަމަށް ހަދީޘްފުޅުގައި ވެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (رواه البخاري (37)، ومسلم (759).) މާނައީ: އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާއެކު ސަވާބާއި ދަރުމަ އަށް އެދި ރަމަޟާންމަހުގައި ރޭއަޅުކަން ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެތެވެ."
ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ކަމުގައިވާ ލައިތުލްޤަދްރި ވެސް ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ތެރޭގައެވެ. އެރޭގެ ހެޔޮކަމަކީ އެއް ހާސް މައްސަރުގެ ހެޔޮކަމަށް ވުރެ އިތުރު ވެގެންވާ ހެޔޮކަމެކެވެ. މުޅި އެރޭ ފަޖްރު ވެއްޖައުމަށް ދާންދެން ބަރަކާތް ލިބިގެން ވެއެވެ. އެ ރެއަކީ ކޮން ރެއެއް ކަން މީސްތަކުންނަށް ވަނީ ވަންހަނާވެގެންނެވެ. އެނގޭމިންވަރަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭ އޮންނާނެކަމެވެ.
ލައިލަތުލްޤަދްރި ހޯދުމަށް ފަހުދިހައިގެ ރޭތައް އަޅުކަމުގައި ހޭދަކުރާއިރު ދޫތަކުން ތަކުރާރުކޮށް ކުރަންވީ ދުޢާއަކީ “اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ، فَاعْفُ عَنِّيْ” މި ދުޢާއެވެ. އޭގެ މާނައީ: "ޔާ ﷲ އެވެ، އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބި ކުރަށްވާ އިލާހެވެ. މި އަޅާގެ ފާފަތަށް ޢަފޫކުރަށްވާނދޭވެ!" މިއެވެ.
ފަހުދިހައިގެ ރޭތަށް އިޙްޔާކުރުމަށްޓަކައި ކަމަރު ބަންނަމާ ހިނގާށެވެ! ދުނިގޭގެ އެންމެހައި ކަންކަން މި ދުވަސްކޮޅު މަދުކުރަމާ ހިނގާށެވެ. އަޅުކަމުގެ ފޯރި ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ހިތްތަކުގައި އަށަގަންނަވަމާ ހިނގާށެވެ. ރޭތައް އިޙްޔާކޮށް ދިރުވަމާ ހިނގާށެވެ. ލައިލަތުލްޤަދްރި އެދިގެން މަސައްކަތް ކުރަމާ ހިނގާށެވެ. އުއްމީދާ އެކު މަސައްކަތް ކުރާ އަޅުންނަށް ކާމިޔާބުވާނެއެވެ.